ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގައި ތޫފާނެއް އުފެދި، ތޫފާނުގެ ބާރުގަދަވަމުންދާކަމަށް ދޭހަވާގޮތަށް ސޯޝަލްމީޑިއާގައި ފެތުރެމުންދާ ފޮޓޯތަކާއި މައުލޫމާތަކީ ކުރީގެ ފޮޓޯތަކަކާއި މައުލޫމާތުތަކެއް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެ ސަރަޙައްދުގައި ތޫފާނެއް އުފެދިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ، 2017ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އުތުރުން ދަތުރުކުރި ކޮޅިގަނޑާއި ގުޅޭ ފޮޓޯ އާއި މަޢުލޫމާތު ކަމަށެވެ.
މި ދުވަސްވަރު މޫސުން ގޯސްވި ނަމަވެސް، ތޫފާނެއް ފަދަ އެއްވެސް ކަމެއް މި ސަރަޙައްދުގައި ނެތްކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަޔަކީ ދެ މޫސުން ބެދުމާއި، ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުމުގެ ގޮތުން ކުރާ ވިއްސާރައެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ބައެއް ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާއިއެކު ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުމާއި ގުޅޭ މައުލޫމާތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި މައުލޫމާތު ކަމުން، އެފަދަ މައުލޫމާތު ފެތުރުމުގައި އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އެ އިދާރާއިން ބުނީ މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ސެޓްލައިޓް ފޮޓޯ އެ އިދާރާގެ ވެބްސައިޓްގައި ލިބެން ހުންނާނެ ކަމަށެވެ.