ކ. މާލެ
|
1 މެއި 2018 | އަންގާރަ 01:41
މުހައްމަދު ބިން ސަލްމާން (ވ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އެކު
މުހައްމަދު ބިން ސަލްމާން (ވ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އެކު
ރޮއިޓަރސް
މުޙައްމަދު ބިން ސަލްމާން
އެމެރިކާއިން ބުނާ ގޮތް ނެެހެދެންޏާ ފަލަސްތީނު އަނގަމަޑުން ލައިގެން ތިބޭ: މުޙައްމަދު ބިން ސަލްމާން
ބިން ސަލްމާން މިހެން ވިދާޅުވީ ނިމިދިޔަ މަހު އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި

ފަލަސްތީނުގެ ރައްޔިތުންނަށް އެމެރިކާއިން ހުށަހަޅާ ކަންކަމަށް ފަލަސްތީނުން އެއްބަސްވާން ޖެހޭނެކަމަށާއި، އެއްބަސް ނުވެވޭ ނަމަ އަނގަ މަޑުން ލައިގެން ތިބެން ޖެހޭކަމަށް ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި މުޙައްމަދު ބިން ސަލްމާން މިހެން ވިދާޅުވީ ނިމިދިޔަ މަހު އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުޔޯކްގައި ޔަހޫދީ ޖަމާޢަތެއްގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ވެރިކަމަށް މުހައްމަދު ބިން ސަލްމާން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ކަމަށް ޗެނަލް ޓެން އާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ. ޗެނަލް ޓެން އިން މި ޚަބަރު އާދިއްތަ ދުވަހު ފަތުރާފައިވަނީ އިސްރާއީލުގެ ރަސްމީ ލިޔެކިޔުންތަކަކާއި ހަވާލާދީ ކަމަށްވެއެވެ. 

މަޙްމޫދު ޢައްބާސްގެ ވެރިކަމުގައި މެދުއިރުމަތީގެ ސުލްހައިގެ އެތައް ޕްލޭނެއް ހުށަހެޅުނު ކަމަށާއި، ކޮންމެ ފުރުސަތެއް ފަލަސްތީނުން ނަގާލީކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވިކަމަށް އެ ލިޔެކިޔުންތަކާއި ހަވާލާދީ ޗެނަލް ޓެން އިން ބުނެފައިވެއެވެ. 

އެމެރިކާއިން ހުށަހަޅާ ގޮތަކަށް ފަލަސްތީނުން ރުހެން ޖެހޭކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ޤަބޫލުކުރައްވާފައެވެ. އެހެން ނަމަވެސް ފަލަސްތީނުން ޤަބޫލުކުރާ ގޮތުގައި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އިރުމަތީ ޤުދުސް 1967ވަނަ އަހަރު އިސްރާއީލުން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަފަހުން އޮންނަނީ ޔަހޫދީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ.

އަލްޖަޒީރާ އާއި އެހެން ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ ހުށަހެޅުމަށް އެއްބަސްވުމަށް މުޙައްމަދު ބިން ސަލްމާން ވަނީ ފަލަސްތީނުގެ ވެރިންނަށް ބާރުއަޅުއްވާފައެވެ. އެހެން ނަމަވެސް ފަލަސްތީނުން ވަނީ ޓްރަމްޕްގެ ހުށަހެޅުމާއި ދެކޮޅު ހަދާފައެވެ. އަދި އެމެރިކާއިން މެދުއިރުމަތީގެ ސުލްހައިގެ މައްސަލައިގައި ވަކި ފަރާތަކަށް ބުރަވެފައިވާކަމަށް ބުނެ، އިސްރާއީލް-ފަަލަސްތީން މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައްޤު އެމެރިކާއަށް ގެއްލިފައިވާކަމަށް ފަލަސްތީނުން ދަނީ ބުނަމުންނެވެ. 

މިމައްސަލައިގައި ސަޢޫދީ ސަރުކާރުން ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ވެރިކަމަށް ފާޑުވިދާޅުވެ މުޙައްމަދު ބިން ސަލްމާން ވާހަކަ ދެއްކެވިކަމަށް ރިޕޯޓްތައް އާއްމުވެފައިވާއިރު، އެމަނިކުފާނު އެމަޤާމާއި ޙަވާލުވެވަޑައިގެންނެވި ފަހުން އިސްރާއީލާއި ސަޢޫދީ ޢަރަބިއްޔާއާއިއެކު އޮންނަ ގުޅުން ވަނީ ބަދަހިވެފައެވެ. އަދި އެދެޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައި ނެތް ނަމަވެސް، މުހައްމަދު ބިން ސަލްމާން ސިއްރިޔާތުގައި އިސްރާއީލަށް ވަޑައިގެންނެވިކަން މީޑިއާތަކުގައި ވަނީ ހާމަވެފައެވެ. 

- ކޮމެންޓް