އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު ހުކުރު ދުވަހު ބޭއްވި ތާރީޚީ މަޝްވަރާތަކަށް ފަހު ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ އުތުރު ކޮރެއާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޗައިނާއަކީ އުތުރު ކޮރެއާގެ އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި އޮތް ހަމައެކަނި ގައުމުމަށްވީ ނަމަވެސް މިއީ އެ ގައުމުގެ ޚާރިޖީ ވަޒީރަކު މި ފަހުގެ އަހަރުތަކުގައި އެ ގައުމަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިޔަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ބައްދަލު ކުރައްވާނެއެވެ.
ދެކުނު ކޮރެއާއިން މިހާރު ވެސް ވަނީ އެމެރިކާ އާއި ޖަޕާނުގެ ލީޑަރުންނާ މަޝްވަރާކުރައްވާފައެވެ.
ބެޖިންގ އިން ބުނެފައިވާ ގޮތުގައި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވަންގ އެ ގައުމަށް މިކުރައްވާ ޒިޔާރަތަކީ ޕިޔޯންގޔަންގ ގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ ކުއްލި ދަތުރު ފުޅެއްގައި މާޗް މަހު ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިން ޕިންއާ ބައްދަލުކުރައްވާފައެވެ.
އެ ދަތުރުފުޅަކީ ކިމް މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރެވި ފުރަތަމަ ދަތުރުފުޅެވެ.
އުތުރު ކޮރެއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިދިޔަ ހުކުރު ދުވަހު ހެނދުނު ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، ދެކުނު ކޮރެއާއަށް ވަޑައިގެން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުންވަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއަރ ހަތިޔާރު އެއްވެސް ވަރަކަށް ނެތް ސަރަހައްދަކަށް ހެދުމަށް އެއްބަސްވެވަޑައިގެންފައެވެ.
ދެކޮރެއާގެ ލީޑަރުންގެ މިތާރީޚީ ބައްދަލުވުން އޮތީ ކޮރެއާ ސަރަހައްދީ އިމުގެ ދެކުނު ފަޅީގައި އޮންނަ ޕަންމުންޖޮމްގައި ހުންނަ ޕީސް ހައުސްގައެވެ.
ދެ ކޮރެއާގެ ބައްދަލުވުން ބާއްވައި އަދި މީގެ އިތުރުން ރައީސް ޓްރަމްޕްއާ އެކު އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިގެން ގޮސްފައި މިވަނީ އުތުރު ކޮރެއާ އިން ހުއްޓުމެއް ނެތި މިސައިލް ޓެސްޓްތަކެއްކޮށް އަދި އެމެރިކާ އާއި ދެކުނު ކޮރެއާއަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންގެންދާތާ ދުވަސްތަކަކަށް ފަހުއެވެ.