ޕެރޫއިން ފެނުނު ކުޑަކުދިން ކަތިލައިފައި ވާ ކައްވަޅަކީ ދުނިޔޭގައި މިކަހަލަ އެންމެ ބޮޑު ތަނަށްވުން އެކަށީގެންވާ ކަމަށް ކައްވަޅު ހޯދި އާކިއޮލޮޖިސްޓުން ބުނެފިއެވެ.
މީގެ 550 އަހަރުކުރިން ހިނގާފައިވާ ކަމަށް ބެލެވޭ މި ހާދިސާގައި 140 އަށް ވުރެ ގިނަ ކުދިން ވަނީ މަރާލާފައެވެ. މިކަން ކޮށްފައިވަނީ ޕެރޫގެ އުތުރުގައި އޮންނަ ކޯސްޓަލް ރީޖަންގައި ވާ ޓުރުޖިލޯ ސަރަހައްދު ކައިރީގައެވެ. އެތަނަކީ ކުރީގައި އުޅުނު ޗިމޯ ނަމަކަށް ކިޔާ ގަބީލާއެއްގެ ވެރިކަން ކުރާ ސަރަހައްދާއިވެސް ކައިރި ތަނެކެވެ. ތުއްތު ކުދިންނާއެކު 200 ވުރެ ގިނަ ޖަނަވާރު ވެސް ވަނީ މަރާލައިފައެވެ.
ނެޝަނަލް ޖިއޮގްރެފިކް ސޮސައިޓީގެ އެހީއާއި އެކު އާކިއުލޮޖިސްޓުން ހޯދި މި ކަށްވަޅާއި ގުޅޭގޮތުން އެ މީހުންގެ ޗެނަލުން ޚާއްސަ ރިޕޯޓެއްވެސް ވަނީ ގެނެސް ދީފައެވެ.
"އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މިކަހަލަ ތަނެއް ފެނިދާނެކަމަށް" ޖޯން ވެރޯ، އިސްކޮށް މި ކައްވަޅުގައި މަސައްކަތް ކުރާ ރިސާޗަރެއް، ނޫހައް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ "އަދި މަށަކަށް ހިޔެއް ނުވޭ [އެހެން މީހަކުވެސް ހީކޮއްފާނެހެން މިކަހަލަ ތަނެއް ފެނިދާނެކަމަށް]"
ފުރަތަމަ ފަހަރަށް އިންސާނުން ގުރުބާން ކޮށްފައިވާ ކައްވަޅެއް ފެނިފައި ވަނީ 2011 ވަނަ އަހަރުއެވެ. އެފަހަރު އެ ކަށްވަޅު ފެނިފައި ވަނީ 'ހުއަންޗަކުއިޓޯ ލަސް ލަމަރސްގައި' ހުރި 3500 އަހަރުގެ ދުވަސްވީ ފައްޅި އަކުންނެވެ. އެތާގައިވަނީ 40 އިންސާނުންގެ ގަބުރާއެކު 74 ޖަނަވާރުންގެ ގަބުރު ފެނިފައެވެ.
އެންމެ ފަހުން ފެނުނު 140 ކުދިން މަރާލާފައިވަނީ އުމުރުން 5 އަހަރާއި 14 އަހަރުގައެވެ. އެހެން ނަމަވެސް މަރުވި ގިނަ ކުދިންނަކީ 8 އަހަރާއި 12 އަހަރުގެ ކުދިން ކަމަށް ނެޝަނަލް ޖިއޮގޮރަފިކް ޗެނަލް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ކުދިން ކަތިލައިފައިވާ ކަމަށް ރިސަރޗަރުން ނިންމައިފައި ވަނީ ހަށިގަނޑަށް ލިބިފައި ހުރި ގެއްލުމުގެ މައްޗައް ބިނާ ކޮށެވެ. މޭކަށި ބިންދައިގެން ގޮސްފައި ހުރުމުން އެކުދިންގެ ހިތް ނަގައިފައިވާ ކަމަށް ބެލެވެއެވެ.
އޭގެ އިތުރުން އެކުދިން ހަށިގަނޑުގައި ވަނީ ވަރަށް ރަތްކަން ގަދަ، ސިނަބާރ ކިޔާ މައުދަނެއް އުގުޅާފައެވެ. މި މައުދަނަކީ ގުރުބާން ކުރާއިރު ބޭނުންކުރާ ޚާއްސަ މައުދަނެކަމަށް ބުނެވެއެވެ.
އެކުދިންނާއެކު މަރާލި އެއްވެސް ޖަނަވާރަކަށް 18 މަސްވެސް ނުފުރެއެވެ. އަދި އެ ޖަނަވާރުތައް ވަޅުލާފައި ވަނީ އިރުމަތީގައިވާ އެންޑްރެސް ފަރުބަދައަށް ކުރިމަތިވާ ގޮތަށެވެ.