ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 14:36
ދެކުނު ކޮރެއާއާ އެކު ވާހަކަތަކައް ދިޔުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް (ވ) ވަނީ ޗައިނާގެ ރައީސް ޝީ (ކ) އާއި ބައްދަލު ކުރައްވާފައި
ދެކުނު ކޮރެއާއާ އެކު ވާހަކަތަކައް ދިޔުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް (ވ) ވަނީ ޗައިނާގެ ރައީސް ޝީ (ކ) އާއި ބައްދަލު ކުރައްވާފައި
އޭއެފްޕީ
އުތުރު ކޮރެއާ މައްސަލަ
ދެ ކޮރެއާ ބައްދަލުކުރިޔަސް، އުތުރު ކޮރެއާ އަށް ޗައިނާގެ އެހީ މުހިއްމު
ނިއުކްލިއަރ ހަތިޔާރު ދޫކޮށްލަން އުތުރު ކޮރެއާ އިން އެއްބަސްވިޔަސް، އޭގެ ބަދަލެއް ބޭނުންވާނެ
އުތުރު ކޮރެއާއަށް މިހާރު ވެސް އެންމެ ބޮޑަށް އެހީ ވަނީ ޗައިނާ އިން

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ލީޑަރުން ބައިވެރިވެގެން ބޭއްވި ބައްދަލުވުމުގައި އުތުރު ކޮރެއާ އިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުގެ ވާހަކަތައް ދެއްކި ނަމަވެސް، އެކަމުގައި ޗައިނާގެ އެހީ އެޤައުމަށް ބޭނުންވާނެ ކަމަށް މުހައްލިލުން ބުނެފިއެވެ.

އުތުރު ކޮރެއާ އަށް މިހާރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމަކީ ޗައިނާއެވެ. އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންއާ އެކު ބައްދަލުކުރެއްވުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގްއާ ބައްދަލުކުރައްވާފައެވެ. 

މުޙައްލިލުން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްލާނީ އެޤައުމަށް އޭގެ ބަދަލުގައި އިޤްތިޞާދީ އަދި ސިޔާސީ ފައިދާތަކެއް ވެގެންނެވެ. އަދި އެ އެހީތެރިކަން ފޯރުކޮށްދޭނީ ޗައިނާ އިން ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޓެސްޓްތައް ހުއްޓާލުމަށް އުތުރު ކޮރެއާ އިން އެއްބަސްވެފައި ވީނަމަވެސް، އެއަށް އަމަލުކުރުމާއި، އިތުރަށް އެޤައުމަށް އަޅާނެ ފިޔަވަޅުތައް ބިނާވެގެން ވަނީ ބަދަލުގައި ބައިނަލްއަޤްވާމީ މުޖްތަމައުން އުތުރު ކޮރެއާއަށް ހުށަހަޅާނެ ކަންތައްތަކެއްގެ މައްޗަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމައުން ހުށަހަޅާ 'އަގު' ރަނގަޅު ނަމަ، ކޮރެއާ ސަރަަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ފަށާނެއެވެ. 

ޗައިނާއަކީ މިހާރު ވެސް އުތުރު ކޮރެއާގެ ވިޔަފާރީގެ އެންމެ މުހިއްމު ބައިވެރިޔާއެވެ. އުތުރު ކޮރެއާ އިން ކުރާ ވިޔަފާރީގެ 90 އިންސައްތަ ވިޔަފާރިކުރަނީ ޗައިނާއާ އެކުއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާ އަށް ތެޔޮ ފަދަ މުހިއްމު ވަޞީލަތްތައް އެތެރެކުރަނީ ޗައިނާއިންނެވެ. 

ދެ ކޮރެއާގެ ލީޑަރުންގެ މި ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސަބަބުންނާއި، އެޤައުމުގައި ހުރި އެމެރިކާއަށް ވާޞިލްވުމުގެ ޤާބިލްކަން ލިބިގެންވާ އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްތަކުގެ ސަބަބުން، މަޝްވަރާތަކުގައި ކުޅޭނެ އިތުރު ކާޑުތަކެއް އުތުރު ކޮރެއާ އަށް ލިބިފައިވާ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ދެ ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ދެކުނު ކޮރެއާ އަށް ވަޑައިގަތް ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކާއި، މަޝްވަރާތަކަށް ވަޑައިގަތް މަގުމަތީގައި ހޯއްދެވި ސަމާލުކަމުގެ ސަބަބުން، އުތުރު ކޮރެއާގެ އަތުގައި ވެސް މަޝްވަރާތަކުގައި ކުޅޭނެ ކާޑު ހުރިކަން ހާމަވާ ކަމަށް މުހައްލިލުން ބުނެެއެވެ. 

ދެކުނު ކޮރެއާ އާއި ޗައިނާ އެކު ބޭއްވި މަޝްވަރާތަކުގެ އިތުރުން ނިއުކްލިއަރ ޕްރޮގްރާމްގެ ކަންތަކުގައި ކިމް ޖޮންގ އުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު އަންނަ މެއި މަހު ނުވަތަ ޖޫން މަހު ބާއްވާ މަޝްވަރާތައް މުހިއްމު ރޯލެއް އަދާކުރާނެއެވެ. އެމެރިކާ އިން މިމައްސަލައިގައި މަޝްވަރާތަކުގައި އިސް ރޯލެއް އަދާކުރި ނަމަވެސް، އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ދައްކަން ޖެހޭ އަގު ޗައިނާ އިން ދައްކަން އެމެރިކާ އިން ވެސް ބޭނުންވާނެ ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ފާހަގަކުރައްވައެވެ. އަދި "އުތުރު ކޮރެއާ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކަށް ހެދީ އެންމެ ފައިސާ ފޮއްޗެއް ވެސް ޚަރަދުނުކޮށް" ކަމަށް ވިދާޅުވާން ޓްރަމްޕް ބޭނުންފުޅުވާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސަށް ޚާރިޖީ އަދި ސަލާމަތީ ކަންކަމުގައި ލަފާ އަރުވާ ޚާއްސަ މުޝީރު މޫން ޗަންގް-އިން ވިދާޅުވިއެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލަން އެއްބަސްވި ނަމަވެސް ކިމް އާއިލާގެ ވެރި ކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ހިންގުމުގެ ފުރުސަތު އެޤައުމުން ނުދޭނެއެވެ. އަދި އެކަން ކަށަވަރުކޮށްދެވޭނެ ހަމައެކަނި ޤައުމަކީ ވެސް ޗައިނާއެވެ. ޗައިނާއިން މީގެ ކުރިން ވެސް ވަނީ އުތުރު ކޮރެއާ އާއި ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ނުދޭނެކަމަށާއި، ކިމްގެ ވެރިކަން ދިފާޢުކޮށްދޭނެ ކަމަށް ބުނެފައެވެ. 

ނިއުކްލިއަރ ޕްރޮގްރާމްގެ އިތުރުން ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިންމައި، ސުލްހައިގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ވެސް ކިމް އާއި މޫން ވަނީ ހުކުރު ދުވަހުކުރައްވާފައެވެ. 1953ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ނަމަވެސް، ސުލްހައިގެ އެއްބަސްވުމެއްގެ ބަދަލުގައި އެކުލަވާލީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެކެވެ. އެހެންކަމުން ހަނގުރާމަ ރަސްމީކޮށް ނިމުނުކަމުގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާއިރު، ޗައިނާގެ ބައިވެރިވުން މުހިއްމުވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. 

- ކޮމެންޓް
28 އޭޕްރިލް 2018 | ހޮނިހިރު 13:16
އުތުރު ކޮރެއާގެގުޅުން
ދެ ކޮރެއާ ބައްދަލުކުރިޔަސް، ރާއްޖެ އަށް އުތުރު ކޮރެއާގެގުޅުން މުހިއްމު