ޒަމާންވީ ވާދަވެރިކަމެއް އޮންނަ ޗައިނާ އާއި އިންޑިއާއިން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ދެޤައުމުގެ ވެރިން އެއްބަސްވެވަޑައިގެންފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ވޫހާންގައި އެޤައުމުގެ ބޮޑުވަޒީރު ޝީޖިންގްޕިންގް އާއިއެކު ވަނީ ނުރަސްމީ މަޝްވަރާތަކެއް ކުރައްވާފައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްދާ 2 ދުވަހުގެ މަޝްވަރާތަކުގެ ސަބަބުން ޗައިނާ-އިންޑިއާ ގުޅުމުގެ އައު ސަފްހާތަކެއް ފެށިގެންދާނެކަމަަށް އުއްމީދުކުރައްވާކަމަށް ޝީ ވިދާޅުވިކަމަށް ޗައިނާގެ ރަސްމީ މީޑިއާ ސީސީޓީވީ އިން ވަނީ ބުނެފައެވެ.
ޝީ ވިދާޅުވީ އިންޑިއާ އަދި ޗައިނާއިން ގުޅިގެން މަސައްކަތްކޮށްފިނަމަ ދުނިޔޭގައި ނުފޫޒުގަދަ ބާރަކަށް ވެވޭނެކަމަށެވެ.
ޗައިނާ އާއި އިންޑިއާއިން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް މިދާ ދަނޑިވަޅަކީ ދެޤައުމުގެ ގުޅުން އެހާ ރަނގަޅު ދުވަސްވަރެއް ނޫނެވެ. ސަރަހައްދީ އިމުގެ މައްސަލައިގައި ދެޤައުމުގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިއާ ކަނޑަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތާއި ގުޅިގެން އިންޑިއާއިން ވަނީ ނުރުހިފައެވެ. ޚާއްސަކޮށް ދިވެހިރާއްޖެއާއި، ސްރީލަންކާ އަދި އިންޑިއާގެ ޒަމާންވީ ވާދަވެރިޔާ ޕާކިސްތާނާއި ގުޅުން ބަދަހިކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ނިއުދިއްލީއިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ސަރަހައްދީ އިމުގެ މައްސަލައިގައި 1962 ވަނަ އަހަރު ހަނގުރާމަކޮށްފައިވާ މި ދެޤައުމުން މިދިޔަ އަހަރުވެސް ބޫޓާނުގައިވެސް ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ.
އިންޑިއާގެ އިރުއުތުރުގެ 90،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގެ މިލްކުވެރިކަމާއިމެދު ޗައިނާއިންވެސް ދަނީ ދައުވާކުރަމުންނެވެ. އަނެއްކޮޅުން އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އަކްސާއި ޗިން ޕްލެޓޯގައި އޮންނަ އިންޑިއާގެ ބިމުގެ 38،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ޗައިނާއިން ވަނީ ވެރިވެގެންފައެވެ.
މީގެ އިތުރުން ޓިބެޓްގެ ރޫޙީ ލީޑަރު ދަލައިލާމާ އަށް އިންޑިއާއިން ހިމާޔަތް ދީފައި އޮންނަ އޮތުމަކީވެސް ޗައިނާ އިން އިންޑިއާއާއި މެދު ނުރުހުމުގެ ނަޒަރަކުން ބަލާ އެއް ސަބަބެވެ.
ވޫހާންގައި ހުކުރު އަދި ހޮނިހިރު ދުވަހު ޗައިނާގެ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރާއި ދެބޭފުޅުން ކުރައްވާ މަޝްވަރާތަކުގައި މިހުރިހާ ކަމަކަށް އަލިއަޅުއްވާލައްވާނެކަމަށް ބެލެވެއެވެ. އަދި މިމަޝްވަރާތަކަކީ ކުރިއަށް އޮތްތަނުގައި ދެޤައުމުގެ މެދުގައި އިތުރު މަޝްވަރާތައް ބޭއްވުމަށް ކޮށާލެވޭ މަގަކަށް ވެގެންދާނެކަމަށް މުހައްލިލުން ދެކެއެވެ.
މަޝްވަރާތަކުގެ ފުރަތަމަ ދުވަހަށްފަހު އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ސްޓްރެޓީޖިކް އަދި ދުރުރާސްތާ ވިސްނެވުމެއްގައި ދެ ލީޑަރުން މަޝްވަރާކުރައްވާނެކަމަށެވެ.
ހޮނިހިރު ދުވަހުގެ މަޝްވަރާތައް ޝީ އާއި މޯދީ ފެއްޓެވީ ވޫހާންގެ އީސްޓް ލޭކްގެ އައްސޭރީގައި ދެބޭފުޅުން ހިންގެވުމަށްފަހުއެވެ. އަދި އެއަށްފަހު ދެބޭފުޅުން ވަނީ އެކީގައި ސައި ހިއްޕަވާފައެވެ.