މިއަހަރުގެ ފުރަތަމަ ކުއާޓާރގައި އާމްދަނީގެ ގޮތުގައި އެމެރިކާގެ ޓެކް ޖަޔަންޓް އެމޭޒަންއަށް 51 ބިލިއަން ޑޮލަރު ލިބުނު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.00
އެމޭޒަންގެ ފުރަތަމަ ކުއާޓާރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް ވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 51.04 ބިލިއަން ޑޮލަރު ލިބިފައެވެ. އެ ކުންފުނިން އެންމެ ފުރަތަމަ އަންދާޒާކޮށްފައިވަނީ މި ހަތަރު މަސް ދުވަހުގެ ތެރޭގައި 49.78 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އެ ކުންފުނީގެ ވެބް ބޭސްޑް ސާވިސްތަކުން ވަނީ އާމްދަނީގެ ގޮތުގައި މި ހަތަރު މަސްދުވަހުގެ ތެރޭގައި 5.44 ބިލިއަން ޑޮލަރު ލިބިފައެވެ.
މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެހެންމެ އުތުރު އެމެރިކާގައި އެ ކުންފުނިން ކުރަމުންދާ ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 46 އިންސައްތަ އިތުރުވެފައެވެ. ހަމައެހެންމެ ބައިނަލްއަގްވާމީ ދުނިޔޭގައި އެ ކުންފުނިން ކުރި ވިޔަފާރި ވަނީ 34 އިންސައްތަ އިތުރުވެފައެވެ.
އިޝްތިހާރުގެ ގޮތުގައި އެ ކުންފުންޏަށް ވަނީ މި ހަތަރު މަސްދުވަހުގެ ތެރޭގައި 2.03 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 139 އިންސައްތައިގެ އިތުރުވުމެކެވެ.
މި ހަތަރު މަސްދުވަހުގެ ތެރޭގައި އެމޭޒަންގެ ހިއްސާދާރުންނަށް ވަނީ ހިއްސާއަކަށް 3.27 ޑޮލަރު ޖެހިފައެވެ. އެންމެ ފުރަތަމަ އަންދާޒާކުރެވިފައިވަނީ ހިއްސާއަކަށް 1.26 ޑޮލަރު ލިބޭނެ ކަމަށެވެ.
އެމޭޒަންގެ ސީއީއޯ ޖެފް ބީޒޯސް ނެރުނު ބަޔާނެއްގައި ވަނީ މިއީ އޭނާގެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށް ބުނެފައެވެ.
މި އަދަދުތައް އާންމުކުރުމާއެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތް އިންސައްތަ އުފުލިފައެވެ.
އެމޭޒަންއިން ލަފާކުރާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ ހުންނާނީ 51 ބިލިއަނާއި 54 ބިލިއަން ޑޮލަރާއި ދެމެދުއެވެ.