ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއަރ ހަތިޔާރު އެއްވެސް ވަރަކަށް ނެތް ސަރަހައްދަކަށް ހަދަން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން އެއްބަސްވެވަޑައިގެންފިއެވެ.
އުތުރު ކޮރެއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ހުކުރު ދުވަހު ހެނދުނު ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، ދެކުނު ކޮރެއާއަށް ވަޑައިގެން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާއި ބައްދަލުކުރައްވާފައެވެ.
ދެކޮރެއާގެ ލީޑަރުންގެ މިތާރީޚީ ބައްދަލުވުން އޮތީ ކޮރެއާ ސަރަހައްދީ އިމުގެ ދެކުނު ފަޅީގައި އޮންނަ ޕަންމުންޖޮމްގައި ހުންނަ ޕީސް ހައުސްގައެވެ.
ޕަންމުންޖޮމް އަކީ އދގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.
ދެ ލީޑަރުންގެ ބައްދަލުވުމަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ދެޤައުމުންވެސް ވަނީ ކޮރެއާ ސަރަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހައްދަވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަން ކުރާނީ ކިހިނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން 1950ގެ އަހަރުތަކުގައި ދެޤައުމުގެ މެދުގައި ކުރެވުނު ހަނގުރާމައަށްފަހު ދެޤައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއް ޤާއިމްކޮށްފައިނުވާތީ، އެމައްސަލައަށް ހައްލެއް ހޯދުމަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިދެޤައުމުގެ މެދުގައި ސުލްހަ ޤާއިމްކޮށްފައިނުވާތީ ދެޤައުމު އަދިވެސް އޮންނަނީ ހަނގުރާމައިގެ ޙާލަތުގައެވެ. މި ބައްދަލުވުންތައް ފެށުމުގެ ކުރިން އުތުރު ކޮރެއާގެ ސިފައިން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އަށް ސެލިއުޓް ކުރިނަމަވެސް، ހަނގުރާމައިގެ ޙާލަތުގައި އަދިވެސް އޮތަތީ ދެކުނު ކޮރެއާގެ ސިފައިން އުތުރު ކޮރެއާގެ ލީޑަރަށް ސެލިއުޓްކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ދެކޮރެއާގެ ދެމެދުގައި އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދަކީ ސުލްހައިގެ ސަރަހައްދަކަށް ބަދަލުކޮށް، ދެޤައުމުންވެސް އެއް ޤައުމުން އަނެއް ޤައުމަށް އަޑު އިވޭގޮތަށް ޕްރޮޕެގެންޑާ ފަތުރަން ބަހައްޓާފައިވާ ލައުޑް ސްޕީކަރުތައް ނަގަންވެސް އެއްބަސްވިއެވެ. އަދި ބޯޑަރު ސަރަހައްދުން ހަތިޔާރު މަދުކޮށް، ދެޤައުމުގެ މެދުގައި އޮންނަ ނުތަނަވަސްކަން ކުޑަކުރަންވެސް ވާހަކަ ދެކެވުނެވެ.
ހަމައެއާއިއެކު ދެކޮރެއާގައި ތިބި އާއިލީ މީހުންނަށް ބައްދަލުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްވެސް ދެލީޑަރުން އެއްބަސްވެވަޑައިގެންނެވިއެވެ.
ދެކޮރެއާ ގުޅިގެން ދާދިފަހުން ނިމުނު އޮލިމްޕިކްސްގައި ބައިވެރިވިފަދައިން، މިއަހަރުގެ އޭޝިއަން ގޭމްސްގައިވެސް ވާދަކުރުމަށް ދެލީޑަރުން މަޝްވަރާކުރެއްވިއެވެ.
ދާދި ފަހަކާއި ޖެހެންދެން ހަރުކަށިކަން ދައްކަމުން އައި އުތުރު ކޮރެއާއިން ކުއްލި ގޮތަކަށް މީގެ މަހެއްހާ ދުވަސްކުރިން ވިސްނުން ބަދަލުކޮށް، ވާހަކަތަކަށް ދާން ނިންމި ސަބަބާއިމެދު އަދިވެސް މުހައްލިލުން ދަނީ ސުވާލު އުފައްދަމުންނެވެ. ދެކުނު ކޮރެއާގެ ރައީސް އާއި ބައްދަލުކުރުމަށްފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަރަށް އަވަހަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއިވެސް ބައްދަލުކުރައްވާނެއެވެ.