ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 11:47
އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދު:- ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައި
އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދު:- ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައި
މުހައްމަދު ޝަރުހާން
އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާ: ހެކި ބަލައިނުގަންނަން އެދިއްޖެ
އަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި 11 ކަމެއް ހިމެނޭ
އުއްތަމަ ފަނޑިޔާރު އެދެނީ ދައުވާ ބާތިލްކޮށްދޭން
ދެން އަޑުއެހުމެއް އޮތީ މި މަހު 30ގައި

އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގައި ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ވަކީލުން އެދިވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދެ ފަރާތުންވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައެވެ.  

އެގޮތުން އަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި 11 ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި އެ ދައުވާގައި ހަވާލާދޭ ގާނޫނުގައި ބުނެފައިވާ ކުށުގެ އުންސުރުތައް އަބްދުﷲ ސައީދު މައްޗަށް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ދައުވާ ބާތިލްކޮށްދޭން އެދިފައިވެއެވެ. އަދި ދައުވާ ފޯމްގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ބަދަލުގައި އެހެން ބޭފުޅަކު ސޮއި ކޮށްފައިވާއިރު އެ ސޮއި ކުރައްވާފައިވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަންގަވައިގެން ކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީ އެކަމަކީ ޖިނާއީ އިޖްރާއަތާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅާދޭން ހުށަހަޅާފައިވެއެވެ.  

ހަމައެހެންމެ އަބްދުﷲ ސައީދުގެ ހިންގި ކަމަށް ތުހްމަތުކުރާ ކުށް ކުރި ވަގުތު، ދައުވާގެ ބަޔާންކޮށްފައިނުވާތީ އާއި އެތައް ބައިވަރު މީހުން އެއްކޮށް ކުރި ކަމަށް ބުނާ އެ ކުށާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އެކަނި ދައުވާ ކޮށްފައި އޮތުމުން އެކަން ކަމަކީވެސް ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ދައުވާ ބާތިލްކޮށްދޭން އެދިފައިވެއެވެ.  

އޭގެ އިތުރުން ސިއްރު 3 ހެއްކަކާއި އަދި ފުލުސް މީހެއްގެ ހެކިބަސް ނެގުމަށް ދައުލަތުން އެދޭއިރު އެމީހުންގެ ހެކިބަސް ބަލައިގަންނަ ނަމަ އެ މީހުންގެ ހެކިބަސްތައް ސިއްރު ނުކުރުމަށާއި އަދި ތަހްގީގާ ގުޅޭ އެންމެހާ ލިޔުންތައް ސިއްރު ނުކުރުމަށްވެސް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަނީ އެދިފައެވެ. ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ހެކިންގެ ހެކިބަސްނަގާއިރު އެމީހުނަށް ރައްކާތެރިކަމާއެކު ހެކިބަސް ނެގޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.  

ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ތަފްސީލު ގޮތެއްގައި ވާހަކަ ދެއްކުމާއި އަދި ދެ ފަރާތުން ހުށަހެޅި ހުށައެޅުންތަކަށް ރައްދު ދިނުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް