ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 01:45
ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިނގިރޭސި ބޮޑުވަޒީރު މޭ (ވ) އާއި ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅެއް ނޫން
ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިނގިރޭސި ބޮޑުވަޒީރު މޭ (ވ) އާއި ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅެއް ނޫން
އޭއެފްޕީ
ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ޖުލައި މަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
ދަތުރުފުޅުގެ ތަފްޞީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ޖުލައި މަހު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެކަމަށް ބައެއް މަސްދަރުތަކާއި ހަވާލާދީ ސީއެންއެން ބުނެފިއެވެ.

އިނގިރޭސިވިލާތަކީ ޒަމާނުއްސުރެ އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ނަމަވެސް، ޓްރަމްޕްއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ގުޅުން އެހާ ރަނގަޅު ނުވުމުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ. އަދި މިދަތުރުފުޅު ވެގެންދާނީ ގިނަ ދުވަސްތަކެއް ވަންދެން ދެޤައުމުންވެސް އިންތިޒާރުކުރަމުން އައި ދަތުރުފުޅަކަށެވެ. މީގެ ކުރިންވެސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅެއްވަނީ ކެންސަލްކުރައްވާފައެވެ. އެހެންކަމުން މިދަތުރުފުޅެއްގެ ކަންތައް ދެޤައުމުގެ އޮފިޝަލުންވެސް ކުރިއަށްގެންދަނީ ވަރަށް ވިސްނުންތެރިކަމާއިއެކުކަމަށް މަސްދަރުތަކާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓްކުރެއެވެ.

މިދަތުރުފުޅުގެ މައުލޫމާތު މީޑިއާއާއި ހިއްސާކުރުމަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަދި ވޮޝިންޓަނުގައި ހުންނަ އިނގިރޭސި އެމްބަސީއިންވެސް ވަނީ ދެކޮޅު ހަދާފައެވެ.

ފުރަމާނަ ދަތުރުފުޅެއް އިނގިރޭސިވިލާތަށް ކުރެއްވުމަށް, އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ މިދިޔަ އަހަރު ޓްރަމްޕްއަށް ދައުވަތު އެރުވިނަމަވެސް، އެދަތުރުފުޅު ނުކުރައްވައި، އޭގެ ފަހުގައި ޓްރަމްޕް ވަނީ އިނގިރޭސި ސަރުކާރުގެ އިސް އެކި ފަރާތްތަކާއި ބަހުގެ ހަމަލާތައް ބަދަލުކުރައްވާފައެވެ. އެގޮތުން އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އާއި ލަންޑަނުގެ މޭޔަަރ ސާދިގު ޚާން އާއި ބެހޭ ގޮތުން ޓްރަމްޕް ވަނީ ޓްވީޓްކުރައްވާފައެވެ.

އިނގިރޭސިވިލާތަށް ޓްރަމްޕް ވަޑައިގަތްނަމަވެސް މިދަތުރުފުޅުގައި ރަސްމީ ހަފްލާތަކަށްވުރެ ބޮޑަށް އޮންނާނެކަމަށް ބެލެވެނީ ބައްދަލުވުންތަކެވެ. އެގޮތުން ބޮޑުވަޒީރު ތެރީސާ މޭ އާއި އެކަމަނާގެ މުޝީރުންނާއި ވަޒީރުންނާއިއެކު ޓްރަމްޕް ބައްދަލުކުރައްވާނެކަމަށް ބެލެވެއެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ތާރީޚު ގާތްވަމުން އަންނައިރު، އެޤައުމުން ދަނީ އެމެރިކާ އާއިއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ.

ޓްރަމްޕްގެ މިދަތުރުފުޅުގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އާއި ބައްދަލުކުރައްވާނެކަމެއް އަދި ކަށަވަރެއް ނޫނެވެ. އަދި މީގެ އިތުރުން ބައްދަލުވުންތައް ބާއްވާނެ ތަނެއްވެސް އަދި ކަށަވަރެއް ނޫނެވެ. ވެރިރަށް ލަންޑަނުގައި ޓްރަމްޕް ބައްދަލުވުންތައް ބާއްވަވައިފިނަމަ އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނިކުމެދާނެކަމުގެ ބިރު އެބައޮތްކަމަށް ލަންޑަނުގެ މޭޔަރ ސާދިގު ޚާން ވަނީ މިދިޔަ ހަފްތާގައިވެސް ވިދާޅުވެފައެވެ. 

ޓްރަމްޕްގެ އަމިއްލަފުޅު 2 ގޮލްފް ކޯސް އިނގިރޭސިވިލާތުގެ ސްކޮޓްލެންޑްގައި އޮވެއެވެ. އެހެންކަމުން އެތަނުގައި ބައްދަލުވުންތައް ބޭއްވުންވެސް އެކަށީގެންވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ލަންޑަނަށް ކުރައްވަން އޮތް ދަތުރުފުޅު ޓްރަމްޕް ވަނީ ކެންސަލްކުރައްވާފައެވެ. ލަންޑަނުގައި ހެދި އެމެރިކާގެ އައު އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮއްވާ ފަހު ވަގުތު އެމަނިކުފާނު ދަތުރުފުޅު ކެންސަލް ކުރެއްވީ އެމްބަސީ ބިނާކުރަން ދިޔަ ޚަރަދު ބޮޑުކަމަށް ވިދާޅުވެ، އެކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ. 

- ކޮމެންޓް
27 އޭޕްރިލް 2018 | ހުކުރު 06:54
ތަހުޒީބު ދެގައުމުގެ
މުޅިދުނިޔޭގަވެސްތިބިއެންމެ ތަހުޒީބު ދެގައުމުގެ އެންމެ އަނިޔާވެރިއިސްލާދިނުގެހަތުވެރި ދެމައްލޫނުން