ސީރިޔާގެ ޓައުނެއްކަމަށްވާ ދޫމާގައި އޭޕްރީލް މަހުގެ ކުރީކޮޅު ދިންކަމަށް ބުނާ ކެމިކަލް ހަމަލާގެ ތަހުގީގަށް ކެމިކަލް ހަތިޔާރާއި ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާގެ ތަހުގީގު ޓީމުން އެ ޓައުނުގެ ދެވަނަ ސަރަހައްދަކަށް ގޮސްފިއެވެ.
ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޯގަނައިޒޭޝަން ފޮރ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް(އޯޕީސީޑަބްލިއު)އިން ބުނީ ފެކްޓް ފައިންޑިންގ މިޝަންއިން އެ ސަރަހައްދުން ސާމްޕަލް ނަގާފައިވާކަމަށެވެ. އޯޕީސީޑަބްލިއުއިން ބުނީ ސާމްޕަލްއާއި ސައިޓުން ނެގުނު އެހެނިހެން ތަކެތި ތަހުލީލު ކުރުމަށް ގެންދެވޭނީ ނެދަލެންޑްސްގެ ދަ ހޭގަށްކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ފެކްޓް ފައިންޑިންގް މިޝަންއިން ގުޅުންހުރި ފަރާތްތަކާއި ކުރި އިންޓަވިއުއަށް ބިނާކޮށް ސާމްޕަލް އެނަަލައިޒްކުރަމުންދާނެކަމަށެވެ. މި ތަހުގީގަށް ނަގާނެ މުއްދަތެއް އެ ޓީމުން ބުނެފައެއް ނުވެއެވެ.
އޯޕީސީޑަބްލިއުގެ ޓީމްވަނީ އޭޕްރީލް މަހުގެ ދެވަނަ ހަފްތާގައި ސީރިޔާއަށް ގޮސްފައެވެ. ނަމަވެސް އެ ޓީމަށް ދޫމާއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދީފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ތަހުގީގު ފަށައިގަނެވުން ލަސްވެފައިވާއިރު ތަހުގީގަށް ބޭނުންވާނެ އެކަށީގެންވާ ހެކި ހުރެދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އެތައް ބަޔަކު މަރުވިކަމަށް ސިއްހީ އެހީތެރިންނާއި މީހުން ސަލާމަތްކުުރުމުގައި މަސައްކަތްކުރާ ޓީމުތަކުން ބުނާ އެ އަވަށަށް ތަހުގީގު ޓީމު ވަނުމަށް ހުރަސްއެޅީ ރަޝިޔާއިންކަމަށް އެމެރިކާއާއި ފްރާންސުން ތުހުމަތުކުރެއެވެ.
ސީިރޔާގެ ސަރުކާރާއި އެގައުމުގެ އެންމެ ބޮޑު މަދަދުގާރު މޮސްކޯއިން ބުނަމުންދަނީ ތުހުމަތު ކުރި ކެމިކަލް ހަމަލާއަކީ ހުޅަނގުން ކުޅެފައިވާ ޑްރާމާއެއްކަމަށެވެ.
އެ ހަމަލާގެ ރައްދުގައި އެމެރިކާއާއި ފްރާންސާއި އިނގިރޭސިވިލާތުންވަނީ ސީރިޔާއަށް ވައިގެ މަގުން ހަަމަލާދީފައެވެ.
ރަޝިއާއިންވަނީ ތަހުގީގު ޓީމުތަކަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ސައިޓްތަކަށް ވަނުން ލަސްވީ އެމެރިކާ އިސްވެ އޮވެ ވައިގެ މަގުން ދިން ހަމަލާތަކުގެ ސަބަބުންކަމަށް ބުނެފައެވެ.