ޝާހުރުކް ޚާނަށް ޓްވިޓާގައި 35 މިލިއަން ފޮލޯވަރުން ލިބި އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އެންމެ ގިނަ ފޮލޯވަރުންގެ ރެކޯޑް ލިބިއްޖެއެވެ.
ޝާހުއަށް 35 މިލިއަން ފޮލޯވަރުން ލިބިފައިވާއިރު މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ ޓުވިޓާ ފޮލޯވަރުންގެ އަދަދަކީ 34.2 މިލިއަން ފޮލޯވަރުންނެވެ. އަމީތާބް ވެފައިވަނީ އިންޑީއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޓްވިޓަރ ފޮލޯވާސް ގިނަ ތަރިއަށެވެ.
މިއަހަރުގެ ފެބްރުއަރީ މަސް ފެށުނީއްސުރެ ޓްވިޓަރ އިން ދަނީ ގިނަ އަދަދެއްގެ ފޭކު ޓްވިޓަރ ހޭންޑްލްތައް ބްލޮކް ކުރަމުންނެވެ.ފެބްރުއަރީ 1 ވަނަ ދުވަހު އަމީތާބުގެ އެކައުންޓަށް ފޮލޯ ކުރަމުންދިޔަ ލައްކައެއްހާ އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން އަމީތާބް ފޮލޯކުރާ ފަރާތްތަކުގެ އަދަދު ވަނީ 33 މިލިއަންނުން 32.9 މިލިއަނަށް ވެއްޓިފައެވެ. މިކަމާ އަމީތާބު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ޓްވިޓާ އިން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެން ނަމަވެސް ޓްވިޓަރގެ ޓީމުން އަމީތާބާއި ބައްދަލުކޮށް، ޓްވިޓަރ މަސައްކަތްކުރާ ގޮތް ކިޔައިދިނުމުން އަމީތާބު ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އޭގެފަހުން މިއަދާއި ހަމައަށް އަމީތާބްގެ ޓްވިޓާ ފޮލޯވާސް ވަނީ 34.2 މިލިއަނަށް އަރާފައެވެ.
ޝާހުއާއި އަމީތާބްގެ ޓްވިޓާ ފޮލޯވާސް ގިނަވެފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓްވިޓާ އެކައުންޓުގެ ފޮލޯވާސްގެ އަދަދަކީ 44 މިލިއަނެވެ. އެހެންކަމުން މޯދީ ވެވަޑައިގެންފައިވަނީ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ޓްވިޓާގައި އެންމެ ނުފޫޒުގަދަ ފަރާތަށެވެ.
ޝާހުރުކް ޚާން ވަނީ އޭނާގެ ފޭނުންނަށް ޓްވީޓާ މެދުވެރިކޮށް ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ޝާހު ކުރި ޓްވީޓުގައި ބުނެފައި ވަނީ މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު
ވަގުތުކޮޅެއް ހޯދާލީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް ކަމަށެވެ.
ޝާހު މިހާރު ބޮލީވުޑްގައި ކުރަމުންދާ މަސައްކަތަކީ އޭނާ މިހާރު ޝޫޓްކުރަމުންދާ އަނަންދް އެލް ރާއިގެ ޒީރޯގެ މަސައްކަތެވެ.މި ފިލްމަކީ އިންޑިއަން ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ ހިމަންޝޫ ޝަރްމާއެވެ. އެ ފިލްމުގައި އޭނާ އާއި އެކު ފެނިގެން ދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރުމާއެވެ.