އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރެއް އަދި ސްކްރީން ރައިޓަރެއް ކަމުގައިވާ ޒޯޔާ އަކްތަރް ޑައިރެކްޓްކުރާ ފިލްމު ގަލީ ބޯއީގެ ޝޫޓިން ނިންމާލައިފިއެވެ.
އަލިއާ ބަޓް އަދި ރަންވީރް ސިންގް ލީޑު ރޯލުން ފެނިގެންދާ ގަލީ ބޯއި ޕްރޮޑިއުސް ކޮށްފައިވަނީ ފަރާހް އަދި ރިތޭޝްއެވެ. މި ފިލްމަކީ މުމްބާއީގެ ސްޓްރީޓް ރެޕާއެއް ކަމުގައިވާ ނައިޒީ ނަމަކަށް ކިޔާ ފިރިހެންކުއްޖެގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިންތައްވެސް ކުރިއަށް ގެންގޮސްފައިވަނީ މުމްބާއިގައެވެ.
ފިލްމުގެ ޝޫޓިން ނިންމާލާފައިވާކަން ޒޯޔާ އާއި އާލިއާ އަދި ރަންވީރުވެސް ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ.
މިއީ އާލިއާއާއި ރަންވީރު އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށްވާއިރު މިދެތަރިން ވަނީ އެކީގައި އިސްތިހާރަކުން ފެނިގެން ގޮސްފައެވެ. ދެތަރިން ވަނީ އިންޑިއާގެ ޓްރެވަލް ވެބްސައިޓެއް ކަމުގައިވާ މޭކް މައި ޓްރިޕްގެ ތަފާތު އެތައް އިޝްތިހާރުތަކުން ފެނިގެން ގޮސްފައިއެވެ.
ގަލީ ބޯއިގެ ޝޫޓިން ނިންމުމަށް ފަހު ފިލްމުގެ ޓީމުންވަނީ އެކަން ފާހަގަ ކުރުމަށް ޕާޓީއެއްވެސް ބާއްވާފައެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.