މިނީމީ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ލޮސް އެންޖަލްސްގެ އޮފިޝަލުން ބުނެފިއެވެ.
ލޮސްއެންޖަލްސްގެ އޮފިޝަލުން މިހެން ބުނީ އޮސްޓިން ޕަވަރސް ސީރީޒްގައި މިނީމީގެ ގޮތުގައި ފެނިގެންދިޔަ ތަރި ޓްރޯޔަރގެ ކުއްލި މަރާއި ގުޅިގެން ތަހުގީގުތަކެއް ހިންގުމަށްފަހުގައެވެ.
ލޮސް އެންޖަލްސްގެ އޮފިޝަލުން ބުނެފައިވަނީ މިނީމީ އެޑްމިޓް ކޮށްފައިވަނީ ގިނައަދަދެއްގެ އަލްކަހޯލް ބޭނުން ކުރުމުން ކަމަށާއި އޭނާގެ ހަށިގަނޑުގައި އަލްކަހޯލްގެ ލެވެލް ހުރީ ވަރަށް މަތީގައި ކަމަށެވެ.
މިނީމީ 2017 ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި އޭނާއަކީ ގިނަ އަދަދަކަށް އަލްކަހޯލް ބޭނުން ކުރާ މީހެއް ކަމަށާއި އެކަމާ ދުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިނީމީ ގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓާއި އަށް އިންޗިއެވެ. އޭނާ ވެފައިވަނީ ހޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ކުރު މީހާއަށެވެ. ޖެނެޓިކް މައްސަލައެއްގެ ސަބަބުން އޭނާގެ ހަށިގަނޑު ތިން ފޫޓަށް ވުރެ ދިގެއް ނުވެއެވެ.
ޓްރޯޔަރގެ ކުއްލި މަރާއި ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރޯޔަރ އަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް ކަމަށެވެ. އޭނާ މިދުނިޔެއިން ވަކިވުން އެއީ އާއިލާއަށް ލިބުނު ހިތާމައެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ އަބަދުވެސް ބޭނުންވަނީ އެންމެން ހެއްވާލާފައި އުފާވެރިކޮށް ތިބޭ މަންޒަރު ދެކެން ކަމަށެވެ. އަދި އޭނާ ދުނިޔެއާއި ވަކިވެ ދިއުމަކީ އާއިލާ އާއި ފޭނުންނަށް ލިބިގެން ދިޔަ ވަރަށް ފުން ހިތާމައެއް ކަމަށް ޓްރޯޔަރގެ އާއިލާއިން ބުނެފައިވެއެވެ.
އުމުރުން 49 އަހަރުގެ ޓްރޯޔަރ މަރުގެ ސަބަބު އާއިލާއިން ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ގިނަދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ފަރުވާ ދެމުންދަނިކޮށެވެ.
މިނީމީ ވަނީ އޮސްޓިން ޕަވަރސް ގެ އިތުރުން ހެރީޕޮޓަރ އެންޑް ދަ ފިލޯސޮފަރސް ސްޓޭން އާއި ދަ އިމޭގިނޭރިއަމް އޮފް ޑޮކްޓަރ ޕަރނަސަސް، ބޭބީސް ޑޭ އައުޓް، ޖިންގަލް އޯލް ދަ ޑޭ، މެން އިން ބްލެކް އަދި މައި ޖަޔަންޓް އިން ފެނިގެން ގޮސްފައެވެ.
މިނީމީ 2004 ވަނަ އަހަރު ވަނީ ކައިވެންޏެއް ކޮށްފައެވެ. އެއީ މޮޑެލް ޖެނެވީވް ގެލެން އާއިއެވެ. އެހެން ނަމަވެސް އެ ކައިވެނި ވަނީ ރޫޅިފައެވެ.