މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި 4.59 ބިލިއަން ރުފިޔާގެ މުދަލުގެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ، ޗައިނާއިން ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާޗު މަހު ރާއްޖެ އަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 4.49 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 28 ޕަސެންޓް ޗައިނާ އިން އެތެރެކޮށްފައިވެއެވެ. އަދި ޔޫއޭއީ އިން 15 ޕަސެންޓް އަދި އިންޑިޔާ އިން 11 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗު މަހާއި އަޅާބަލާއިރު ހުސްވި މާޗު މަހު 60 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ މާޗު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 277.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މާޗު މަަހު ލިބިފައިވަނީ 173.4 މިލިއަން ރުފިޔާއެވެ.
ފާއިތުވި މާޗު މަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 49 ޕަސެންޓް ވަނީ އިތުރުވެފައިވެއެވެ. މިދިޔަ އަހަރުގެ މާޗު މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މާޗު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 246.1 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ރާއްޖޭން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 35 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 15 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. އިނގިރޭސިވިލާތަށް 10 ޕަސެންޓް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާ އަށް 9 ޕަސެންޓް އަދި ފަރަންސޭސިވިލާތަށް 7 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެއެވެ.