ކުރީގެ ދެލޯބިވެރިން އަދި މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންބީރު ކަޕޫރު މަނީޝް މަލްހޯތުރާގެ ހެދުންތައް ދައްކާލުމަށް މިޖްވާން ފެޝަން ޝޯގައި ބައިވެރިވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގައި ބޭއްވި މި ޝޯގެ ސަބަބުން އެތައްބައެއްގެ ސަމާލުކަން ވަނީ މިދެތަރިންނަށް ލިބިފައެވެ. މިޝޯއަކީ އިންޑިއާގެ ޗެރިޓީ ފަންޑްރައިޒާރެއް ކަމަށްވާ ޝަބާނާ އަޒްމީގެ އެންޖީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ ޗެރިޓީ ޝޯއެކެވެ. ބާނާ އަޒްމީގެ އެންޖީއޯއަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މިޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވާ މި ފެޝަންޝޯއަކީ ފަންޑްރައިޒިން ފެޝަން ޝޯއެކެވެ.
މި ޝޯގައި ބައިވެރިވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރަންބީރު ބުނީ އިންޑިއާ ކުރިއަރައިގެން ދިއުމަށް އަދި ތަހުޒީބީ އިންޑިއާއަކަށް ވުމަށް އަންހެނުންނަށް އިސްކަން ދޭންޖެހޭ ކަމަށެވެ.
އަންހެނުންނަށް އިހުތިރާމް ކުރުމަށާއި ރަނގަޅު ފިރިހެނަކަށް ވާނީ އަންހެނުންނަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް އޭނާ ކުޑައިރުއްސުރެ އޭނާގެ މަންމަ އަބަދު ވެސް ބުނާ ކަމަށް ރަންބީރު ބުންޏެވެ. މިޝޯއާއި ބެހޭގޮތުން ދީޕިކާ މީގެ ކުރިން ބުނެފައިވަނީ މިޝޯގައި އޭނާ ބައިވެރިވަނީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
މަނީޝް ބުނީ މިޝޯގައި ދީޕިކާ އާއި ރަންބީރު ލައިގެން ތިބި ހެދުން އެއީ އެދެމީހުންނާ ގުޅޭ ހެދުންތައް ކަމަށާއި ޝޯގައި ބައިވެރިވުން އެއީ އޭނާ ވަރަށް އުފާވާކަމެއް ކަމަށެވެ.
ދީޕިކާ އާއި ރަންބީރު ރުޅިވިފަހުން ދެމީހުން އެކުގައި އިވެންޓުތަކާއި ފިލްމުތަކުން ފެނިފައިވަނީ ވަރަށް މަދުންނެވެ. ދީޕިކާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައިވެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ދީޕިކާ ކައިވެނިކުރާނީ އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގްއާއެވެ.