މަޝްހޫރު ހިންދީ ފިލްމު ޑަންގަލްއިން ފުރަމަ ފެނިގެންދިޔަ ތަރި ފާތިމާ ސަނާ ޝައިޚްއަކީ ތަގްސް އޮފް ހިންދުސްތާނުގެ ލީޑްއެކްޓަރ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި އެކްޓަރ އާމިރުޚާން ބުނެފިއެވެ.
އާމިރު ބުނީ މި ފިލްމުގެ އަސްލު ވާހަކަ ބިނާވެގެންވާނީ ފާތިމާގެ މައްޗަށް ކަމަށާއި ދެން ފެންނަ އެކްޓަރުން އެއީ ސަޕޯޓިން އެކްޓަރުން ކަމަށެވެ. ޑަންގަލްއިން މޮޅު އެކްޓިންއެއް ދައްކުވައިދީފައިވާ ފާތިމާ ގެ ކެރެކްޓާގައި އެކި ކަހަލަ ޝޭޑްސްތަކެއް އެކުލެވޭނެ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަންނާނެ ކަމަށް އާމިރު ބުންޏެވެ. އާމިރު ޚާންގެ "ޑަންގަލް"ގައި ފާތިމާ އަދާކޮށްފައިވަނީ އާމިރުގެ ދަރިއެއްގެ ރޯލެވެ.
ތަގްސް އޮފް ހިންދުސްތާން ގައި ތަފާތުގޮތަކަށް ހުންނަ ފޮޓޯތަކެއް މީގެ ކުރިން ވަނީ ވައިރަލް ވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އާމިރު ޚާންގެ ތުބުޅި ވަނީ އެއްކޮށް ދިގު ކޮށްލާފައެވެ. އަދި އޭނާގެ އިސްތަށިގަނޑު ވެސް ވަނީ ދިގުވެފައެވެ. މިފޮޓޯ އާންމު ވުމާއިއެކު އާމިރުޚާން މި ފިލްމުން ފެނިގެން ދާނީ ކަނޑުފޭރޭ މީހެއްގެ ގޮތުގައި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މި ފޮޓޯއާއި ގުޅިގެން އާމިރު ޚާން އޭރު ބުނެފައިވަނީ މީހުން އަމިއްލައަށް ހަދަހަދައިގެން ފުލޯކު ވާހަކަ ދައްކަނީ ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކަ ކަމަށެވެ. އާމިރު ވަނީ އެއަށް ވެސް ޖަވާބު ދީފައެވެ. އާމިރް ބުނީ މި ފިލްމުން ކަނޑުފޭރޭ ކަންތައްތަކާއި އެއްގޮތް ކަމެއް ފިލްމުގައި ނުހުންނާނެކަން ކަށަވަރު ކޮށްދޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ މި ފިލްމުން ފެނިގެންދާނީ ހަމައެއް ލަމައެއްނެތި މަގުމަތީގައި އުޅޭ މީހެއްގެ ގޮތަށް ކަމަށާއި މީހެއްގެ މުދަލަށް އަރައިގަނެ ފޭރޭ މީހެއްގެ ގޮތަށް ކަމަށް އާމިރު ވަނީ ބުނެފައެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މޯލްޓާއާއި މުމްބާއީގައެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ އަމީތާބު ބައްޗަން ވެސް މުހިއްމު ރޯލެއް އަދާކުރާ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ.
ތަގްސްއޮފް ހިންދުސްތާނުގައި އާމިރާއި ފާތިމާގެ އިތުރުން ފެނިގެންދަނީ ކެޓްރީނާ ކައިފްއާއި އަމީތާބް ބައްޗަންއެވެ.
މިއީ އަމީތާބާއި އާމިރުޚާން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފިލްމެވެ. އެހެން ކަމުން ބެލުންތެރިން ތިބީ ބޮލީވުޑްގައި އެންމެ މޮޅު އެކްޓިން ދައްކާ ކަމަށް ގަބޫލުކުރާ މިދެތަރިން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ތަގްސް އޮފް ހިންދުސްތާން ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ.