ސްޓްރީމިން ޚިދުމަތްތައް މިހާރު ފުޅާވުމުން ފިލްމު އުފައްދާ ފަރާތްތަކަށާއި ސިނަމާތަކަށް ގެއްލުންވާ ކަމަށާއި ސްޓްރީމިން ޚިދުމަތްތަކާއި އޭނާ ދެކޮޅު ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ހެލެން މިރެން ބުނެފިއެވެ.
ހެލެން މިރެން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސްޓްރީމިންގެ ސަބަބުން ފިލްމު ޑައިރެކްޓް ކުރާ ފަރާތްތަކަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.
ސްޓްރީމިންގެ ޚިދުމަތްތައް ދެމުންދާ މަޝްހޫރު ކުންފުނި ތަކުގެ ތެރޭގައި ނެޓްފްލިކްސް އެމެޒޯން އަދި ހުލު ފަދަ ކުންފުނިތައް ހިމެނެއެވެ. އެކުންފުނިތަކަށް ސަބްސްރައިބަރުން އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދާދިފަހުން ނެޓްފްލިކްސް އިން އާންމު ކުރި ފުރަތަމަ ކުއާޓާގެ އާމްދަނީ ރިޕޯޓުން ވެސް އެކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ފުރަތަމަ ކުއާޓާގައި މަގުބޫލު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއަށް 125 މިލިއަން ސަބްސްކްރައިބާސް އާއި އެކީ 3.7 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ އެކުންފުންޏާއި ގުޅޭނެ ކަމަށް އަންދާޒާކުރެވުނު އަދަދަށް ވުރެ 1.1 މިލިއަން އިތުރު އަދަދެކެވެ.
އޮންލައިންކޮށް ސްޓްރީމް ކޮށްގެން ފިލްމާއި ސީރީޒް އަދި ޝޯތައް ބަލާ މީހުން ގިނަވި ކަމުގައިވިއަސް ހެލެން މިރެން ބުނީ ސްޓްރީމް ކޮށްގެން ފިލްމު ބަލާ މީހުން ގިނަވުމުގެ ސަބަބުން ސިނަމާތަކާއި ޑައިރެކްޓަރުންނަށް ލިބޭ އާމްދަނީތައް މަދުވެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
އުމުރުން 72 އަހަރުގެ ހެލެން މިރެން ބުނީ ސިނަމާތަކުގައި ފިލްމު ބެލުމާއި އަމިއްލައަށް އެކަނި ހުރެ ފިލްމު ބެލުމާއި ވަރަށް ތަފާތު ކަމަށެވެ. ސިނަމާތަކުގައި ގިނަ މީހުންނާއި އެކު ފިލްމު ބެލުމަކީ ހިތްހަމަޖެހި އެއްބައިވަންތަވާނެ ކަމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ހެލެން މިރެން އޮންލައިން ސްޓްރީމިންއާ ދެކޮޅުއިރު އަންނަ މެއި މަހުގެ 8 އިން 19 ވަނަ ދުވަހާއި ހަމައަށް ބާއްވާ ކޭންސް ފިލްމް ފެސްޓިވަލްގައި އޮންލައިން ސްޓްރީމިން ފިލްމުތައް ބައިވެރި ނުކުރަން ވަނީ ނިންމާފައެވެ. އަދި ސިނަމާތަކުގައި ނާޅުވާ ފިލްމުތަކަށް ކޭންސް ފިލްމު ފެސްޓިވަލަކުން ޖާގަ ނެތް ކަމަށް އެ ފެސްޓިވަލުން ވަނީ ބުނެފައެވެ.
ހެލެން މިރެން ވަނީ އޮސްކާ އެވޯޑްވެސް ހޯދާފައެވެ. އެންމެ މަޝްހޫރުވީ 2004 ގައި އޭނާ ނެރުނު ބަޔޮޕިކް ފިލްމު "ރޭ" އިންނެވެ. ހެލެން އޭނާގެ ފިލްމީ ކެރިއާ ފަށާފައިވަނީ 1966 ގއި ނިކުތް ޕްރެސް ފޯ ޓައިމް އިންނެވެ.