ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 09:26
ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ
ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ އުއްމީދު އެބައޮތް: ނޭމާ
މެއި މަހުގެ 17 ވަނަ ދުވަހު އެނބުރި ފަރިތަކުރުންތަކަށް ނިކުމެވޭނެ ކަމުގެ އުއްމީދު އެބައޮތް: ނޭމާ
ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ސްވިޓްޒަލެންޑާއި ދެކޮޅަށް
ނޭމާ ބުނީ މުބާރާތަށް ތައްޔާރުވުމަށް އެކަށޭނަ ވަގުތު ލިބޭނެ ކަމަށް

އަންނަ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ބްރެޒިލްގެ ފޯވާޑް ނޭމާ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް ކުޅޭ ފޯވާޑް މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދުމަށް ކުޅުމާއި ދުރުގައެވެ.

ނޭމާ އަށް އަނިޔާވެފައިވަނީ ފްރެންޗް ލީގުގައި ޕީއެސްޖީ އަށް ކުޅެނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ފަޔަށް ލިބުނު އެ އަނިޔާ އާ ގުޅިގެން ނޭމާ އޮޕަރޭޝަނެއް ކޮށްފައިވާއިރު، ނޭމާ ބުނީ، އޭނާ އަށް މެއި މަހު އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެގޮތުން މެއި މަހުގެ 17 ވަނަ ދުވަހު އެނބުރި ފަރިތަކުރުންތަކަށް ނިކުމެވޭނެ ކަމަށް ނޭމާ ބުންޏެވެ.

ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ސްވިޓްޒަލެންޑާއި ދެކޮޅަށެވެ.

އުމުރުން 26 އަހަރުގެ ފޯވާޑް ބުނީ، ފީފާ ވޯލްޑް ކަޕަށް ނިކުންނައިރު، ރަނގަޅު ހާލަތެއްގައި ހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ސްޕެއިންގެ ބާސެލޯނާ އިން 200 މިލިއަން ޕައުންޑުގެ އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ނޭމާ ބަދަލުވީ މިދިޔަ އޯގަސްޓްމަހު އެވެ. ޕީއެސްޖީ އާ ގުޅުނު ފަހުން ނޭމާ ވަނީ މިސީޒަނުގައި އެކްލަބަށް 25 ލަނޑު ޖަހައިދީ، 16 އެސިސްޓް ހޯދައިދީފައެވެ.

އަނިޔާ އަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުގައި ހުރި ނޭމާ، ސައު ޕައޮލޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބުނީ، އެންމެ ފަހުގެ ޓެސްޓުތައް މެއި މަހުގެ 17 ވަނަ ދުވަހު ހަދާނެ ކަމަށާއި، އޭގެ ފަހުން އޭނާ އަށް ކުޅެން ފުރުޞަތު ލިބޭނެ ކަމަށެވެ.

އަދި ފާއިތުވި ހަފްތާގައި ހެދި ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ނޭމާ ބުނީ، ފަރިތަކުރުންތަކަށް ނިކުތުމުގެ ފުރުޞަތު ލިބުމާއެކު، ވޯލްޑް ކަޕަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ދާއިރު ރަނގަޅު ފޯމެއްގައި ހުންނަން ބޭނުންވާ ކަމަށާއި، އެކަމަށް އެކަށޭނަ ވަގުތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނުނު ނޭމާ އެމުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1 ން ބަލިވި މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެއެވެ.

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ސްވިޓްޒަލެންޑްގެ އިތުރުން ކޮސްޓަ ރީކާ އަދި ސަރބިއާ އާއެކު ގްރޫޕް އީގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑާއި ދެކޮޅަށް ޖޫން މަހުގެ 17 ވަނަ ދުވަހު ބްރެޒިލް ނުކުންނައިރު، ދެވަނަ މެޗުގައި ޖޫން މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ކޮސްޓަ ރީކާ އާ ދެކޮޅަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުންނާނީ ސަރބިއާ އާ ދެކޮޅަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް