ބާރަތުގެ ބަތަލާއަކީ ޕްރިޔަންކާ ކަން ކަށަވަރު ވެއްޖެއެވެ.
މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބާރަތުގެ ބަތަލާއަކީ ޕްރިޔަންކާ ކަމަށް މިހާރު ކަށަވަރު ވެފައިވާކަމަށެވެ.
އެފިލްމުގެ ޝޫޓިން ފަށާފައި ވަނީ ފިލްމުގެ އަންހެން ބަތަލާއަކު ނުލައެވެ. އެހެން ނަމަވެސް ތަރިން އަދާޝް ކުރި ޓްވީޓުގައި ބުނެފައިވަނީ ޕްރިޔަންކާ މިހާރު ޝޫޓިންއާއި ގުޅިފައިވާ ކަމަށެވެ.
ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ހޯމަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބާރަތުގެ ޝޫޓިން ފަށާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި މި ފިލްމު ސިނަމާތަކުގައި އަޅުވާނެއެވެ.
މީގެ ކުރިން ވެސް ޕްރިޔަންކާ މި ފިލްމާއި ގުޅޭނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެން ނަމަވެސް އެކަން ކަށަވަރު ނުވީ މި ފިލްމުގައި ފެންނާނީ ޕްރިޔަންކާގެ ބަދަލުގައި ކެޓްރީނާ ކައިފް ކަމަށް ބުނެ ވާހަކަ ދެކެވުމުންނެވެ.
އަލީ އައްބާސް ޒަފަރު މި ފިލްމާއި ގުޅޭގޮތުން ބުނެފައިވަނީ މި ފިލްމަކީ 70އިގެ އަހަރު ތަކުގައި ހިނގާފައިވާ ކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.
އަލީ އައްބާސް ޒަފަރު އާދީއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުފާވެރި ޚަބަރުތައް ކުރިއަށް ހުރި ދުވަސްތަކުގައި ގެނެސްދޭނެ ކަމަށެވެ. އަދި އޭގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ލަންޑަންގައި ބާރަތު ޝޫޓު ކުރަން ތައްޔާރުވެފައިވާ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.
ޕްރިޔަންކާ ބާރަތުގެ ޝޫޓިން ފަށާފައިވާއިރު ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާގެ ހޮލީވުޑް ސީރީޒް ކުއެންޓިކޯ ދޫކޮށްލުމަށް ނިންމާފައިވަނީ ބާރަތު ކުޅުމަށެވެ. އެއީ އޭނާއަށް ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑަށް ދުރަށް ދެވޭތީ ބޮލީވުޑަށް މިދުވަސްވަރު އިސްކަން ދިނުމަށް ނިންމާފައިވާކަމުގެ އަޑޫތައް ވެސް ވަނީ ފެތުރިފައެވެ.
ބާރަތު ކުޅެން ޕްރިޔަންކާ އެހާ ބޭނުން ވަނީ ދިގު މުއްދަތަކަށް ފަހު ސަލްމާން އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބޭތީ ކަމަށް ވެސް ވެ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ ބާރަތު އިން ޕްރިޔަންކާ ފެނުމުން އެފިލްމު ވެގެންދާނީ އޭނާ 2016 ވަނަ އަހަރުގެ ފަހުން ކުޅޭ ބޮލީވުޑްގެ ފުރަތަމަ ފިލްމަށެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ބޮލީވުޑްގެ ފިލްމަކީ 2016 ވަނަ އަހަރު ރިލީޒް ކުރި ޖެއި ގަންގާޖަންއެވެ.