ޗައިނާގެ އިގްތިސާދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރިއަރާފައިވާ މިންވަރު އިތުރުވެއްޖެއެވެ.
ޗައިނާގެ އިގްތިސާދު 6.8 އިންސައްތައިގައި ކުރިއަރާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރުވެސް އަދި މި އަހަރަގެ މި މުއްދަތަށް ލަފާކުރި މިންވަރަށްވުރެ ވެސް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން ޖެނުއަރީ މަހުން ފެށިގެން މާޗް މަހާއި ހަމައަށް ބެއިޖިންގެ އިގްތިސާދު ކުރިއެރުވޭނެ ކަމަށް އަމާޒުހިފި 6.5 ޕަސެންޓަށްވުރެ ވެސް މަތީ މިންވަރަކަށް އެ ގައުމުގެ އިގްތިސާދުވަނީ ކުރިއަރާފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު މި މުއްދަތުގެ ތެރޭގައި ކުރިއަރާފައިވާ މިންވަރަށް ކުރިޔަށް ދިއުމަށް އެހީއަކަށްވީ ވަރުގަދަ ކޮންޒިއުމަރ ޑިމާންޑެއް އުފެދިފައި އޮތުން ކަމަށް ހިސާބުތަކުން ދައްކައެވެ.
އިގްތިސާދީ ކުރިއެރުން ފެނުނު ނަމަވެސް ޗައިނާގެ ދަރަނި އިތުރުވުމުގެ ކަންބޮޑުވުން އެބަ އޮތެވެ.
ޗައިނާއިން ގެންދަނީ އިތުރުވަމުންދާ ދަރަންޏާއި ގެދޮރުގެ އަގު އުފުލުމުގެ މައްސަލައިގައި އިގްތިސާދީ ކުރިއެރުމަށް ނުރަނގަޅު އަސަރު ނުކުރާނެ ގޮތްތަކަށް ބަލައިގެން ފިޔަވަޅުތައް އަޅަމުންނެވެ.