މަޝްހޫރު ކޮރިއޮގްރަފަރ ރެމޯ ޑި ސޫޒާގެ އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަން ނިންމައިފިއެވެ.
ކްލޯތިން ލައިނެއް ތައާރަފް ކުރާނެ ކަމަށް ރެމޯ ބުނެފައިވާއިރު އޭނާ މިހާރު ދަނީ އޭނާގެ ޑައިރެކްޝަންގެ ދަށުން އުފައްދާ ފިލްމު ރޭސް3 ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުން ފެނިގެން ދަނީ ސަލްމާން ޚާނާއި ބޮބީ ޑިއޯލް އާއި ޖެކްލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރެވެ. ރެމޯ ބުނީ ރޭސް3ގެ މަސައްކަތް ނިމުމާއެކު އޭނާގެ އަމިއްލަ ކްލޯތިން ލައިން ނެރުމުގެ މަސައްކަތާއިގެން ކުރިއަށް ދާނެކަމަށެވެ. ރެމޯ ބުނީ ކްލޯތިންލައިން ނެރުމުގެ ކުރިން އެ ޕްރޮމޯޓު ކުރުމަށް އަމިއްލައަށް މިއުޒިކް އަލްބަމެއް ނެރޭނެ ކަމަށެވެ. އެ މިއުޒިކް ލަވަތަކުން ރެމޯ ފެންނާނެއެވެ.
ރެމޯއަކީ މޮޅު ކޮރިއޮގްރަފަރެކެވެ. އޭނާއަށް ވަނީ ނެޝަނަލް އެވޯޑްވެސް ލިބިފައެވެ. ރެމޯއަށް ނެޝަނަލް އެވޯޑް ލިބުނީ ފިލްމް ބަޖިރާއޯ މަސްތާނީ (2015) ގެ "ދިވާނީ މަސްތާނީ" ލަވައިގެ ކޮރިއޯ ހަދައިގެންނެވެ. ރެމޯ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި އޭނާ އެންމެ ފުރަތަމަ އުފެއްދި ފިލްމު ފަލްޓޫއާއި އޭބީސީޑީ، އޭބީސީޑީ 2 އަދި ފްލައިން ޖަޓް ހިމެނެއެވެ.
ރޭމޯވަނީ ކޮރޮއގްރަފީ އާއި ޑައިރެކްޓު ކުރުމުގެ އިތުރުން ޑާންސް ޝޯތަކުގައި ޖަޖްކަންވެސް ކޮށްފައެވެ. ރެމޯ ޖަޖްކޮށްފައިވާ ޝޯތަކުގެ ތެރޭގައި ޖަލަކް ދިކް ލާޖާ، ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) އަދި ޑާންސް ޕްލަސް ހިމެނެ އެވެ.