މުނިފޫހިފިލުވުމާއި ދިވެހި ފިލްމު އުފެއްދުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ތަރައްޤީ ކުރުމަށް ސަރުކާރުން ލުއި ލޯނު ދޫކުރާނެކަމުގެ ޔަޤީންކަން، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމުން ބުނެފިއެވެ.
ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވަނީ އޮލިމްޕަސް ސިނަމާ ޕީއެސްއެމްގެ ދަށަށް ބަދަލު ކުރުމަށް ފަހު ފިލްމީ ދާއިރާގެ މީހުންނާ އެ ކުންފުނިން އާދީއްތަ ދުވަހު ބޭއްވި ބައްދަލުގައި ދިވެހި ފިލްމު އިންޑަސްޓްރީގެ ބައެއް ފަންނާނުން ސަރުކާރުގެ މާލީ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ.
އޮލިމްޕަސް ޕީއެސްއެމްގެ ދަށަށް ބަދަލު ކޮށްފައިވަނީ މިމަހުގެ 1 ގައެވެ. ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިލްމީ ދާއިރާ އަށް ފަންޑް ހޯދުމާ ގުޅޭ ގޮތުން އިކޮނިކް މިނިސްޓްރީއާ އެކު ހޯމަ ދުވަހު މަޝްވަރާ ކުރުމުން، ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"މި މަޝްވަރާތަކުގައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ބަލައިގަންނަ ފެންވަރަށް ދިވެހި ފިލްމާއި، ރާއްޖޭގެ ފަތުރުވެރިކަން ދައްކައިދޭ ޑޮކިއުމެންޓްރީ އާއި، ޤައުމަށް މުހިންމު ކޮންޓެންޓް އުފެއްދުމަށް ދިވެހި ފަންނާނުންނަށް ފުރުޞަތު ފަހިކޮށްދީ، އެކަމަށް ހިއްވަރުދިނުމުގެ މަސައްކަތް، ޕީއެސްއެމްއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރުމަށް ނިންމާފައެވެ. ޕީއެސްއެންގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެސްއެމުން ހޯމަ ދުވަހުގެރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އެކޮނޮމިކް މިނިސްޓްރީއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމެއް އެކަށައެޅުމުން ފިލްމު އިންޑަސްޓްރީއަށް ލުއިލޯނު ދޫކުރުމާއި ފަންނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ފެށުމަށް ކަނޑައަޅައި، މިކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާންކުރުމަށް ވެސް ޕީއެސްއެމުން ބުނެއެވެ.