ކ. މާލެ
|
15 އޭޕްރިލް 2018 | އާދީއްތަ 15:45
ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދަނީ ވަރަށް ހާލުގައި
ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދަނީ ވަރަށް ހާލުގައި
ރޮއިޓަރސް
ރޮހިންޔާ މުސްލިމުން
ރޮހިންޔާ އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފި
އެ އާއިލާގެ މައުލޫމާތު އދ އަށް ކަށަވަރު ވެފައެއް ނުވޭ

މިޔަންމާ ސިފައިންގެ އަނިޔާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޔާ ދަރިކޮޅުގެ އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފައިވާކަމަށް މިޔަންމާ ސަރުކާރުން ބުނެފިއެވެ. 

މިޔަންމާގެ އުތުރު ރަޚައިން ސްޓޭޓްގައި ދިރިއުޅޭ ބައިމަދު ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ލާއިންސާނީ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް އެތައް ލައްކަ މުސްލިމުންނެއް ބަންގްލަދޭޝްއަށް ހިޖުރަކުރިއެވެ. މިޔަންމާ ސިފަން ހިންގި އަމަލުތައް އދ އިން ސިފަކޮށްފައިވަނީ 'ނަސްލެއް ނައްތާލުމަށް ހިންގި ޖަރީމާތަކެއް'ގެ ގޮތުގައެވެ. 

ރޮހިންޔާ އާއިލާއެއް އެނބުރި މިޔަންމާއަށް ދިޔަކަމަށް މިޔަންމާ ސަރުކާރުން ބުނެފައިވަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އެނބުރި މިޔަންމާއަށް ދިޔުން ރައްކާތެރި ނޫންކަމަށް އދ އިން ބުނެފައިވަނިކޮށެވެ.

މިޔަންމާ ސަރުކާރުން ބުނީ އެނބުރި އައި 5 މެމްބަރުންގެ އާއިލާއަށް ކާނާ އާއި އަސާސީ ތަކެތީގެ އިތުރުން ކާކު ކަން އަންގައިދޭ ލިޔުންތަކެއް ދީފައިވާކަމަށެވެ. އެހެން ނަމަވެސް އެ އާއިލާ އެނބުރި ދިޔައީ ކީއްވެކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެއީ ހަމަ ހަޤީގަތުވައިވެސް ރޮހިންޔާ މުސްލިމުންކަން އަދި ކަށަވަރު ވެފައިނުވާއިރު، އދ އިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. މިޔަންމާ ސަރުކާރުން ބުނީ 'މުސްލިމް' އާއިލާއަކަށް ވެރިފިކޭޝަން ކާޑު ދީފައިވާކަމަށެވެ.

'ރޮހިންޔާ' ލަފުޒު ބޭނުންކުރުމަށް މިޔަންމާ ސަރުކާރުން ދެކޮޅު ހަދާއިރު، ސަރުކާރުން ދިން އައިޑީ ކާޑަކީ އަދި ރަށްވެހިކަން ލިބޭ ކާޑެއް ނޫނެވެ. ރޮހިންޔާ މުސްލިމުންނަށް ރަށްވެހިކަން ދޭން މިޔަންމާއިން ދެކޮޅު ހަދަމުންދާއިރު، އެޤައުމުން ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ މިޔަންމާގައި ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެހެން ނަމަވެސް އުތުރު ރަޚައިން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އުޅެމުންދާތާ އެތަކެއް ޖީލުތަކެއް ވަނީ ފާއިތުވެފައެވެ. 

އދގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ހޮނިހިރު ދުވަހު ބުނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަނބުރާ ދެވޭނެފަދަ މާހައުލެއް އަދިވެސް މިޔަންމާގައި ނެތް ކަމަށެވެ. އަދި ރަށްވެހިކަމާއި، ސަލާމަތާއި ރައްކާތެރިކަން ނެތި އަނބުރާ ޤައުމަށް ދިޔުމަށް ބޭނުން ނުވާކަން ރޮހިންޔާ ދަރިކޮޅުގެ ލީޑަރުން ހާމަކޮށްފައިވާކަމަށްވެސް އދއިން ބުންޏެވެ. 

ރޮހިންޔާ މުސްލިމުންނަށް މިޔަންމާ ސަރުކާރުން ދިން އަނިޔާތަކާއި ގުޅިގެން ސަރުކާރުން ބުނީ ސިފައިން އޮޕަރޭޝަން ހިންގީ ހަނގުރާމަވެރިންނާއި ދެކޮޅަށް ކަމަށާއި، އާއްމު ރައްޔިތުންނާއި ދެކޮޅަށް ނޫންކަމަށެވެ. ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވެ، މުސްލިމުންނާއި މެދު ލާއިންސާނީ އަމަލު ހިންގި ސިފައިންގެ 10 މީހަކު ޖަލަށް ލުމަށް ދާދި ފަހުން މިޔަންމާ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް