ބޮލީވުޑްގެ ތަރިންނާއި އެތަރިންގެ ދަރިން އެކީގައި އެއްފިލްމަކުން ފެނުން އެއީ އާންމު ކަމެކެވެ.
އެންމެ ފަހުން އެކީގައި ފިލްމަކުން އެގޮތަށް ފެންނާނެ ކަމަށް ވަނީ އަނިލް ކަޕޫރާއި އޭނާގެ ދަރި ސޯނަމް ކަޕޫރެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު ސުނިލް ޝެޓީއާއި އޭނާގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީވެސް އެކީގައި ފުރަތަމަ ފަހަރަށް ފެންނާނެ ކަމަށް މިވަނީ ހާމަކޮށްފައެވެ. އަކަމަކު އެއީ އިސްތިހާރަކުންނެވެ.
މި އިސްތިހާރާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާތިޔާ ބުނީ އޭނާއާއި އޭނާގެ ބައްޕަ ފެނިގެންދާނީ އަންހެން ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ މުހިއްމުކަން އަންގައިދޭ އިސްތިހާރަކުން ކަމަށެވެ. އެއީ އަންހެން ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ މުހިއްމުކަން އަންގައިދިނުމަށް ހިންގާ ކެމްޕޭނަކަށް ތައްޔާރު ކުރާ ވީޑިއޯއެކެވެ. އާތިޔާ ބުނީ އޭނާ އަބަދު ވެސް "ސޯޝަލް އިޝޫޒް"އަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އޭނާގެ ބައްޕައާއި އެކު ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއްގައި ފެނިލުން އެއީ ވަރަށްބޮޑު އުފަލެއް ކަމަށް އާތިޔާ ވަނީ ބުނެފައެވެ.
އާތިޔާ ބޮލީވުޑަށް ނެރެދިނީ ސަލްމާން ޚާންއެވެ. އެއީ ސަލްމާން ޚާން 2015 ވަނަ އަހަރު ޕްރޮޑިއުސްކުރި ފިލްމު ހީރޯއިންނެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ ފިލްމު މުބާރަކަން އިންނެވެ.
ސުނިލް ޝެޓީ ބޮލީވުޑަށް ތައާރަފްވީ 1992 ވަނަ އަހަރު ނުކުތް ބަލްވާން ކިޔާ ފިލްމަކުންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް އަޖެންޓަލްމެން އިންނެވެ.