އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސީރިޔާ ސަރުކާރުންވެސްވަނީ ބުނެފައެވެ.
ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.
ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.
މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.
މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.