އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސޫރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސޫރިޔާ ސަރުކާރުން ބުނެފިއެވެ.
ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއްކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.
3 ޤައުމުން ހަމަލާގައި ބައިވެރިވިއިރު، 3 ޤައުމުން ހަމަލާދީފައި ވަނީ 3 އަމާޒަކަށެވެ. އެގޮތުން ވެރިރަށް ދިމިޝްޤުގެ ކައިރީގައި ހުރި ކެމިކަލް ހަތިޔާރާއި ބެހޭ ދިރާސާތައް ކުރާ މަރުކަޒަކަށާއި، ޙިމްސްގައި ހުރި ކެމިކަލް ހަތިޔާރު ރައްކާކުރާ މަރުކަޒެއްގެ އިތުރުން އަސްކަރީ ކޮމާންޑް ޕޯސްޓަަކަށް ވަނީ ހަމަލާ ދީފައެވެ.
އެމެރިކާއިން ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ. މިއީ މިދިޔަ އަހަރު ވެސް ސޫރިޔާގެ ޚާން ޝައިޚޫނަށް ކެމިކަލް ހަމަލާދިނުމާއި ގުޅިގެން އެމެރިކާއިން ރައްދުގައި ސޫރިޔާގެ ސިފައިންނަށް ހަމަލާ ދިނުމަށް ބޭނުން ކުރި ޒާތުގެ މިސައިލެވެ. މިސައިލް ހަމަލާދިނުމުގެ ޤާބިލްކަން ލިބިގެންވާ ގިނަ އަދަދެއްގެ މަނަވަރުތަކެއް އެމެރިކާ ސިފައިން ވަނީ މެޑިޓަރޭނިއަން ކަނޑާއި ރަތް ކަނޑުގައި ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.
އިނގިރޭސިވިލާތުން ޓޯނަޑޯ ޖެޓްތައް ބޭނުން ކޮށްގެން ހަމަލާދިނީ ސްޓޯމް ޝެޑޯ މިސައިލުންނެވެ.
ފަރަންސޭސީވިލާތުން ވެސް މެޑިޓަރޭނިއަން ކަނޑުގައި 4 މަނަވަރު ތައްޔާރީ ޙާލަތަށް ގެނައި އިރު، އެޤައުމުން ވަނީ ފްރެންޗް މިރާޖް އަދި ރަފައޭލް މަރުކާގެ ހަނގުރާމަމަތީ ޖެޓްތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.
ގުޅިފައިވާ ފައުޖުން ފޮނުވާލީ ކިތައް މިސައިލްކަން އެޤައުމުތަކުން ޔަޤީންކޮށްދީފައި ނުވިނަމަވެސް، ސޫރިޔާ އާއި އެޤައުމަށް ވާގިވެރިޔާ ރަޝިޔާއިން ބުނީ 3 ޤައުމުން ޖުމްލަ 100 އަަށް ވުރެ ގިނަ މިސައިލް ފޮނުވާލި ކަމަށެވެ. އަދި ސީރިޔާގެ ވައިގެ ދިފާޢީ ނިޒާމުން އޭގެ ތެރެއިން 71 މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ރަޝިޔާއިން ބުންޏެވެ. އަދި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި، ހަމަލާއެރި މަރުކަޒުތަކަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ރަޝިޔާއިން ވެސް ބުންޏެވެ.
މިހަމަލާއަށް ފަހު ރަޝިޔާއިން ވަނީ ހަމަލާގެ ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުޅި ނިޒާމަށް އަސަރުކުރުވާނެ ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާތަކުގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ޕުޓިން ގޮވާލެއްވިއެވެ. ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނަޓޮލީ އެންޓޮނޯވް ވިދާޅުވީ މިހަމަލާތަކުގެ ސަބަބުން ނިކުންނަ ނަތީޖާގެ ޒިންމާ ނަގަން ޖެހޭނީ ވޮޝިންޓަނާ، ލަންޑަނާއި ޕެރިހުން ކަމަށެވެ. ހަމަލާތަކާއި ގުޅިގެން ހޮނިހިރު ދުވަހުގެ ހެނދުނު ރަޝިޔާއިން ވަނީ ސޫރިޔާއަށް އެސް-300 މަރުކާގެ ސަރފޭސް-ޓު-އެއަރ މިސައިލް ސިސްޓަމެއް ދީފާނެކަމުގެ އިންޒާރު ދީފައެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ބުނީ މީގެ އަހަރުތަކެއް ކުރިން 2013ވަނަ އަހަރު ސޫރިޔާއަށް އެފަދަ މިސައިލް ދިފާޢީ ނިޒާމެއް ދިނުމަށް ރަޝިޔާއިން ނިންމި ކަމަށާއި، އެ ސިސްޓަމް ނުދީ ހުއްޓާލީ ހުޅަނގުގެ ޤައުމުތަކުގެ އެދުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގެރޭ ދިން ހަމަލާތަކާއި ގުޅިގެން އެނިންމުމާއި މެދު އަލުން ވިސްނަން ޖެހިފައިވާ ކަމަށް ރަޝިޔާއިން ބުންޏެވެ.
3 ޤައުމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ހަމަލާތަކެއް ކަމަށް ސޫރިޔާއިން ތުހުމަތު ކުރެއެވެ. އަދި އިނގިރޭސިވިލާތުގެ އިދިކޮޅު ލީޑަރ ޖެރެމީ ކޯބިން ވެސް ވަނީ ހަމަލާތަކުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި، އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ އިތުރުން ފަރަންސޭސީ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވީ އެހަމަލާތައް ދިނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.