އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ސީރިޔާގެ ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަން ކަމަށް އެފަރާތްތަކުން ތުޙުމަތުކުރާ ތަންތަނަށް ހޮނިހިރު ދުވަހުގެ ފަތިހު ދޭންފެށި ހަމަލާތަކުގައި ތުރުކީ އިން ބައިވެރިވެއްޖެއެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ސީރިޔާގެ ޣޫތާގެ ޓައުނެއް ކަމަށްވާ ދޫމާގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފްރާންސުން ސީރިޔާ ސަރުކާރުގެ އަމާޒުތަކަށް ހަމަލާދޭން ފެށީ ހޮނިހިރު ދުވަހުގެ ފަތިހުއެވެ.
ތުރުކީއަކީ މިހާރުވެސް ރައީސް ބަޝާރުލް އަސަދުގެ ސަރުކާރުގެ ފައުޖުތަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގައުމެކެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދޫމާާގައި ދެވުނު ހަމަލާގެ ރައްދުގައި ހިންގޭ އޮޕަރޭޝަނަށް ތާއީދު ކުރާކަމަށެވެ. އަދި އެއީ ސީރިޔާ ސަރުކާރުގެ ކަމެއް ކަމަށް މާބޮޑަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ.
ތުރުކީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ގައުމުން ގަބޫލުކުރާ ގޮތުގައި އެފަދަ ޖަރީމާ ތަކަކީ އަދަބު ނުދެވި ދޫކޮށްލެވޭ ކަންކަމަށް ނުހެދުމަކީ މުހިއްމުކަމެއް ކަމަށް ދެކޭކަމަށާއި އެބާވަތުގެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޖަވާބުދާރީ ކުރެވޭކަން ކަށަވަރުވާން ޖެހޭ ކަމަށެވެ.
ސީރިޔާގެ އިރުމަތީ ޣޫތާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ އޮފިޝަލުންމި މަހުގެ އަށްވަނަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.
ދަރުމައަށް މަސައްކަތްކުރާ ވައިޓް ހެލްމެޓްސްއިން ކޮށްފައިވާ ޓްވީޓެއްގައި ހުރި ފޮޓޯތަކާއި ވީޑިއޯ ފެންނަގޮތުގައި އެތައް ބައެއްގެ ހަށިތައް ބޭސްމެންޓްގައި ހުއްޓެވެ. މީގެ އިތުރުން އެތައް ބަޔަކު ނޭވާ ހާސްވެގެން ތެޅިފޮޅޭތަން ވީޑިއޯއިން ފެނެއެވެ.
ސީރިޔާގެ ސަރުކާރުން ބުނެފައި ވަނީ ކެމިކަލް ހަމަލާއެއް ކަމަށް ބުނާ ވާހަކައަކީ އުފައްދައިގެން އުޅޭ ވާހަކައެއް ކަމަށެވެ.