Advertisement
ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:32
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
އެމްޑީޕީ
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފައިވާ ކަމަށާއި، އެހެން ނަމަވެސް ވެރިކަމުގެ ދައުރު ނިމުމަކާ ގާތަށް ދާއިރު އެ ވައުދުތައް ވަނީ ބޮޑު ތަނުން ފެއިލްވެފައި ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން އަންހެނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބި، އެފުރުސަތުތަކުގެ މަގު ތަނަވަސް ވެގެންދިއުން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވާ އަންހެނުންނަށް މުޖުތަމައުގައި ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމުގެ ވައުދަކީ އެމަނިކުފާނު ވެވަޑައިގެން މުހިންމު ވައުދެއްކަމަށް ޝިދާތާ ވިދާޅުވި އެވެ.

"ދައުރުގަ މިހާތަނަށް އައިއިރު އެކަށީގެންވާ ރަނގަޅު މިނެއްގައި އަދި ފުރިހަމަ މާނައިގައި މެނިފެސްޓޯގައި އެ ފާހަގަކުރައްވާފައިވާ ހަމަ އެއްވެސް ވައުދެއް އަދި މިހާތަނަށް ފުއްދިފައެއް ނެތް،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ މަދުކުރާނެކަމަށް ރައީސް ޔާމީން ވައުދުވެޑައިގެންނެވި ނަމަވެސް މިއަދު އިވެމުންދާ އަޑަކީ އަންހެނުންނަށް ގިނަ އަނިޔާތަކާއި ކުރިމަތިލާންޖެހޭ ވާހަކަ ކަމަށެވެ. އަދި އަންހެނުންނަށް އިންސާފު ނުލިބި، ލިބެންޖެހޭ ހިދުމަތްތައް ނުލިބޭ ޝަކުވާތައް ވެސް ގިނަވަމުންދާކަން ޝިދާތާ ފާހަގަކުރެއްވި އެވެ.

އަންހެނުންނަށް މުޖުތަމުގައި ގިނަ ދާއިރާތަކަކުން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވައުދުވެޑައިގެންނެވި ނަމަވެސް އެމަންޒަރު ފެނިގެންގެން ނުދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބޮޑު ސުވާލު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ޑެޕިއުޓީ ލީޑަރ އައިޝަތު ރަފިއްޔާ ވިދާޅުވީ ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދު އެމަނިކުފާނު ވަރަށް ފުރިހަމައަށް ފުއްދަވަމުން ގެންދަވާކަމަށެވެ. އެގޮތުން ގާނޫނާއި ގަވާއިދާއި، އަދި އިސްލާމީ އުސޫލުތަކުގެ ތެރެއިން، އަންހެނުން ބާރުވެރިކުރުވުމަށް ކުރެއްވޭނެ އެންމެހާ ކަންތައްތައްތަކެއް ރައީސް ޔާމީން ކުރިއަށް އޮތް ތަނުގައިވެސް ކުރައްވަމުންގެންދަވާނެ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

ރަފިއްޔާ ވިދާޅުވީ، ރައީސް ޔާމީން މިގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން އަންހެނުންނާއި ގުޅުންހުރި ދާއިރާތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އެގޮތުން އަންހެނުނަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކަށް ރައީސް ޔާމީން ހައްލެއް ހޯދައިދެއްވަމުން ގެންދަވާ ކަމަށާއި މިކަމަކީ އެއްވެސް ބޭފުޅަކު ދެބަސްނުވާނެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް އަނިޔާކުރުމަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކުރީއްސުރެވެސް އާންމުކަމެއް ކަން ފާހަގަ ކުރައްވަމުން ރަފިއްޔާ ވިދާޅުވީ މި މައްސަލައަށް ދެތިން އަހަރުގެ ތެރޭގައި ހައްލެއް ގެނައުމަކީ ނުވާނެ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް