Advertisement
ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:21
 އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ނޫސްވެރިންނަން މައުލޫމާތު ދެނީ
އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ނޫސްވެރިންނަން މައުލޫމާތު ދެނީ
މުހައްމަދު ޝަރުހާން
މައުމޫން
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހް އަންނަ އާދީއްތަ ދުވަހު އިއުލާން ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

 

ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ފަހު ރާއްޖެޓީވީއަށް މައުލޫމާތުދެމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލްތަކުގެ އިންތިހާބު އޭޕްރިލް މަސް ތެރޭގައި ބާއްވަން ނިންމައި އަންނަ ހަފްތާގެ އާދީއްތަ ދުވަހު ތާރީހެއް އިއުލާން ކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.

 

ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ( އެމްޔޫއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ ކުރީ ކޮޅުގައި އިންތިހާބު ބާއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަނުން ބައްދަލުވުމުގައި ދިނުމަށް ފަހު އިންތިހާބުގެ ކަންތަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިނާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓީތަށް ހިމެނޭއިރު ބުދަ ދުވަހުގެ ބައްދަލުވުމުގައި ޕީޕީއެމާއި އެމްޑީއޭގެ ފަރާތުން ބައިވެރިނުވުމުން ކަންބޮޑުވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

 

ޕީޕީއެމާއި އެމްޑީއޭ ފިޔަވައި މިއަދުގެ ބައްދަލުވުމުގައި ބައިވެރި ހުރިހާ ސިޔާސީ ޕާޓީތަކުން އޭޕްރިލް މަސްތެރޭގައި އިންތިހާބު ބޭއްވުމަށް އެއްބަސްވެފައި ވެއެވެ.

ބައްދަލުވުމުގައި ދެ ވަނަ ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވެނީ އިންތިހާބުގެ ތާރީހް އިއުލާން ކުރުމަށް ފަހު މިހާރު ކުރިމަތިލާފައި ތިބި ކެނޑިޑޭޓުންނަން އިތުރު ތަކުލީފްތަކެއް ނޫފުލާއި އިންތިހާބުގައި ވާދަކުރެވޭނެ ގޮތާ މެދު ކަމަށް ނިޔާޒު ވިދާޅުވިއެވެ. ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމަށް ކުރި ހުކުމްގައި ސާފުނުވާ ކަންކަމަށް އިތުރު ހުކުމެއް ހޯދަން އިލެކްޝަން ކޮމިޝަނުން ހައިކޯޓަށް ހުށައެޅި މައްސަލައާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަސްވަރާ ކުރުވުނު ކަމަށާއި އެކަމާއި ގުޅިގެން އިލެކްޝަން ކޯޓު މެދުވެރިކޮށް ސާފް ކުރުމަށް މަސްކަތް ކުރީ ސީޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު އިންތިހާބުގައި ވަދާކުރާ ކެނޑެޑޭޓުންނަން އިންތިހާބުގައި ވާދަކުރުމަކީ ގާނޫނީ މައްސަލައެއްތޯ ބެލުމަށް ކަމަށް ބައްދަލުވުމުގައި އެކޮމިޝަނުން ބުނި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

 

ޕީޕީއެމުން މިއަދުގެ ބައްދަލުވުމުގައި ބައިވެރި ނުވާއިރު ކައުންސިލް އިންތިހާބުގުގައި އެ ޕާޓީން ބައިވެރި ވާނެ ކަމަށް ގަބޫލުކުރައްވާތޯ ރާއްޖެޓީވީން ސުވާލުކުރުމުން ނިޔާޒު ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޕީޕީއެމަށް އިންތިހާބަށް ތައްޔާރު ނުވެވޭތީ ދެ މަސްދުވަހަށް އިންތިހާބު ފަސްކުރުމަށް ކަމަށާއި ދެ މަސްދުވަސް ފަހުން ބާއްވާ އިންތިހާބުގައި ޕީޕީއެމް ބައިވެރިވާން ޖެހޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ. މިފަދަ ގައުމީ މައްސަލަހަތު ހިމެނޭ ކަމެއްގައި ޕީޕީއެމުން ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި ކޯޓުން މިކަމަށް އަރާއި ނުގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

އަދާލަތު ޕާޓީން ބުނީ ބައްދަލުވުމުގައި އެޕާޓީގެ ފަރާތުން އެންމެ ބޮޑަށް ވަކާލާތު ކުރީ މިހާރު ވާދަކުރުމަށް ނިންމާފައިވާ ކެނޑިޑޭޓުންނަން އަލުން ކުރިމަތިލާން ނުޖެހޭނެ ގޮތަކަށް އިންތިހާބު ބާއްވައި ދިނުމަށް ކަމަށެވެ.

 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ނެގައި 3 ވަނަ އިސްލާހާއި ގުޅިގެން ޕްރައިމަރީގައި ވާދަކުރުމަށް ފަހު އިންތިހާބުގައި ވާދަ ކުރެވޭނެތޯ މަޝްވަރާ ކުރެވުނު ކަމަށެވެ. އެކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ބުނީ ގާނޫނު އިސްލާހު ކުރުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ގާނޫނު އައުމަށް ފަހު އަމަލުނުކުރެވޭނެ ކަމަށް ހުސެން ވިދާޅުވިއެވެ.

 

ބައްދަލުވުމުގައި ބައިވެރިވުމަށް ފަހު ޑީއާރުޕީން ބުނީ އެޕާޓީން ވެސް އެދެނީ ވީއެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށެވެ.

 

ސިވިލް ކޯޓުން ދެ މަހަށް އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ. އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް