ނިމިދިޔަ 2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށެހެޅުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ޑްރަގު ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ނިމިގެންދިޔަ 2016 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 1525 މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހެޅިފައިވެއެވެ. އެއީ  2015 ވަނަ އަހަރަށް ވުރެ %66.8 އިތުރު މިންވަރެކެވެ.
 
 ނިމިދިޔަ 2016 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލަތަކެވެ. އެއީ 795 މައްސަލައެވެ. ދެން އެންމެ ގިނައިން ކެނެބިސް ބޭނުން ކުރުމުގެ މައްސަލަތައް ހުށަހެޅުނުއިރު،  އެއީ 648 މައްސަލައެވެ.
 
 ޑައިމޯފިން ޕެޑްލް ކުރުމުގެ އެއް މައްސަލައާއި، ކެނެބިސް ޕެޑްލް ކުރުމުގެ 18 މައްސަލައާ އެކު، މަސްތުވާތަކެތި ޕެޑްލް ކުރުމުގެ މުޅި އެކު 19 މައްސަލަ މި އަހަރު ހުށަހެޅިފައިވެއެވެ.
 
 ނިމިގެންދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވާ ހުށަހަޅުއްވާފައިވާ މައްސަލަތަކެވެ. ބާކީ ހަތަރު މައްސަލައަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޢަމަލު ކުރަން ފެށި އިރު، ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރި ކޮށްދިނުމަށް އޮންނަ ފުރުސަތުގެ ދަށުން، އެ ކަމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް، ހުށަހެޅިފައިވާ މައްސަލަތަކެވެ.
 
 ނިމިދިޔަ 2016 ވަނަ އަހަރު ޑްރަގް ކޯޓުން ބަލައި ނިމުނު މައްސަލަތަކުގެ އަދަދަކީ 965 އެވެ. 2016 ވަނަ އަހަރުގެ ތެރޭގައި، އެކި ސަބަބުތަކާ ހުރެ 269 މީހުން ފަރުވާއިން ވަކިކުރެވިފައިވެއެވެ.
ޑްރަގް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ބަލާއިރު އެއީ އެ ކޯޓުގައި މަސައްކަތްކުރާ ފަސް ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ އެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
