ސީރިޔާގެ އަސްކަރީ އެއަރޕޯޓަކަށް މިސައިލް ހަމަލާއެއްދީ އެތައްބަޔަކު މަރުވެ އެތައްބަޔަކު ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ސަނާއިން ބުނީ ހޮމްސްގެ ކައިރީގައި އޮންނަ ތައިފޫރު އެއަރބޭސް ނުވަތަ ޓީފޯއަށް ހަމަލާދީފައި ވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ތަފްސީލްތައް ލިބެމުންދާއިރު ހަމަލާދިނީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ.
މި ހަމަލާ އައިސްފައި މިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އަވަށެއް ކަމަށްވާ ދޫމާގައި ކެމިކަލް ހަމަލާދިނުމުގެ މައްސަލަ ބައިނަލްއަގްވާމީ މަސްރަހުގެ ސަމާލުކަމަށް އައިސްފައިވަނިކޮށެވެ.
ކެމިކަލް ހަމަލާއެއްކަމަށް ބެލެވޭ ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ސީރިޔާގެ ރައީސް ބަޝާރުލް އަސަދަކީ "ޖަނަވާރެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި އެ ގައުމުގެ މަދަދުގާރުން ކަމަށްވާ އީރާނާއި ސީރިޔާއިން މި ކަންކަމުގައި "ބޮޑު އަގެއް ދައްކަންޖެހޭނެ" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ރައީސް ޓްރަމްޕްއާއި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ގުޅިވަޑައިގެންވަނީ ދެ ގައުމުން ގުޅިގެން ވަރުގަދަ ރައްދެއް ދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް މިސައިލް ހަމަލާ ނުދޭނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
"އަދި މިވަގުތު ވައިގެ މަގުން ހަމަލާދިނުމަށް ޑިފެންސް ޑިޕާޓްމަންޓުން ނިންމާފައެއް ނުވޭ" ޕެންޓަގަންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ސީރިޔާގެ ދައުލަތުގެ ނޫސް އޭޖެންސީއިން ފުރަތަމަ ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިފޫރު އަސްކަރީ ބޭހަށް ހަމަލާދީފައިވަނީ އެމެރިކާއިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް ފަހުންވަނީ އަނބުރާ ގެންގޮސްފައެވެ.
ސީރިޔާގައި 2017 ވަނަ އަހަރު ދިން ކެމިކަލް ހަމަލާއެއްގެ ރައްދުގައި އެމެރިކާއިންވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މިދޔަ އަހަރުގެ އޭޕްރީލް މަހު އެމެރިކާއިން ވަނީ ޚާން ޝެއިޚޫންގައި އޮންނަ ޝައިރަތު އަސްކަރީބޭހަށް 59 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލާފައެވެ.
ސީރިޔާގެ އިރުމަތީ ޣޫތާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާގައި މަދުވެގެން 70 މީހުން މަރުވެފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ އޮފިޝަލުން ވިދާޅުވެއެވެ.
ދަރުމައަށް މަސައްކަތްކުރާ ވައިޓް ހެލްމެޓްސްއިން ކޮށްފައިވާ ޓްވީޓެއްގައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެތައް ބައެއްގެ ހަށިތައް ބޭސްމެންޓްގައި ހުއްޓެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.