ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 04:30
18ވަނަ ސާކް ސަމިޓްގެ ތެރެއިން
18ވަނަ ސާކް ސަމިޓްގެ ތެރެއިން
ސާކް ސެކްރެޓޭރިއެޓް
ސާރކް
މިޙާލަތުގައި ސާރކްއާއެކު ކުރިއަށްދާން ދަތި: އިންޑިއާ
ސާރކްގެ ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާއި ބެހޭ ޖަމްއިއްޔާ ސާރކް އާއިއެކު ކުރިއަށް ދިޔުމަށް ދަތިކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއާއިއެކު ދިއްލީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ޕާކިސްތާނުން ހަނގުރާމަވެރިންނަށް ވާގިވެރިވުމުގެ ސަބަބުންނާއި އެކަމުން ނިކުންނަ ނަތީޖާތަކުގެ ސަބަބުން ސާރކް ކުރިއަށް ގެންދިޔުމަށް ދަތިކަމަށެވެ. 2014 ވަނަ އަހަރު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ސާކް ސަމިޓަށްވެސް އިންޑިއާއިންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އެއްބާރުލުން ދެއްވިނަމަވެސް، ޕާކިސްތާނުގެ އަމަލުތައް ހުންނަ ގޮތުން އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ދެކުނު އޭޝިއާއަށް ދަތިކަމަށް އިންޑިއާއިން ފާހަގަކުރެއެވެ. 

ސާރކް ސަމިޓް އޮންނަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ. 2014 ވަނަ އަހަރު ކަތަމަންޑޫގައި ސަމިޓް ބޭއްވުމަށްފަހު 2016 ވަނަ އަހަރު ސަމިޓް ބާއްވަން ހަމަޖެހިފައި އޮތީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައެވެ. އެހެން ނަމަވެސް ސަމިޓް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަޝްމީރުގައި ހުންނަ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަނގުރާމަވެރިން ޙަމަލާ ދިނުމާއި ގުޅިގެން އިންޑިއާއިން ސަމިޓް ބޮއިކޮޓްކުރިއެވެ. އަދި އެއާއިއެކު ބަންގްލަދޭޝް، ބޫޓާން އަދި އަފްޣާނިސްތާނުންވެސް ސަމިޓް ބޮއިކޮޓް ކުރިއެވެ. އެސަމިޓް ކެންސަލް ކުރަން ޖެހުމުން މިއަހަރުގެ ސަމިޓް ބާއްވާނީ ޕާކިސްތާނުގައެވެ. 

ސަމިޓު ބޭއްވޭނެ މަގު ފަހިކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ހައްޤާން އައްބާސީ ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ މަހު އެމަނިކުފާނު ނޭޕާލަށް ކުރެއްވި ދަތުރުފުޅުގައި ސާކް ސަމިޓަށް ނޭޕާލުގެ ބޮޑުވަޒީރު އޮލީގެ ތާޢީދު ހޯއްދެވުމަށް މަސައްކަތްކުރެއްވިއެވެ. އަދި މީގެ އިތުރުން ސާކް ސަމިޓް އަވަސް މުސްތަޤްބަލެއްގައި އިސްލާމް އާބާދުގައި ބޭއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އަރިހުންވެސް އައްބާސީ އެދިވަޑައިގަތެވެ. 

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލީ ވިދާޅުވީ ސަރަހައްދީ އެއްބާރުލުމަށް ބޮޑުވަޒީރު މޯދީ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ޕާކިސްތާން ނުހިމެނޭ ބޭ އޮފް ބެންގާލް އިނީޝިއޭޓިވް ފޮރ މަލްޓި ސެކްޓޯރިއަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓަށް ބޮޑުވަޒީރު މޯދީ އިންތިޒާރު ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސަމިޓްގައި ބައިވެރިވަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނެވެ. 

ސާރކްއާއި މެދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވާހަކަ ދައްކަވާފައި މިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ޖަމްއިއްޔާގެ ބޭނުންތެރިކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ސާރކްގެ މެމްބަރު ޤައުމުތަކަކީ އިންޑިއާ، ދިވެހިރާއްޖެ، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާނެވެ.  

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް