ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 03:16
މުހައްމަދު ބިން ސަލްމާން ފަރަންސޭސީވިލާތަށް މިވަޑައިގަންނަވަނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު
މުހައްމަދު ބިން ސަލްމާން ފަރަންސޭސީވިލާތަށް މިވަޑައިގަންނަވަނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު
އަލްޖަޒީރާ
ސަޢޫދީ ވަލީޢަހުދު
މުހައްމަދު ބިން ސަލްމާން ޕެރިހަށް ވަޑައިގަންނަވާއިރު އެޖެންޑާގެ ކުރީގައި އީރާން، ޤަތަރު މައްސަލަ
މިއީ 2 ދުވަހުގެ ދަތުރުފުޅެއް
އީރާނުގެ މައްސަލައިގައި މެކްރޯންއާއި މުހައްމަދު ބިން ސަލްމާންގެ ޚިޔާލުފުޅު ތަފާތު

ސަޢުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ފަރަންސޭސީވިލާތަށް ކުރައްވާ ދަތުރުފުޅުގައި ޤަތަރު މައްސަލައާއި އީރާނުގެ މައްސަލައިގައި ފަރަންސޭސީ ރައީސް އެމަނުއަލް މެކްރޯންއާއި އެކު މަޝްވަރާކުރައްވާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާތަށާއި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުތަކަކަށްފަހު ފަރަންސޭސީވިލާތަށް މުޙައްމަދު ބިން ސަލްމާން ކުރައްވާ މިދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި އެއްބަސްވުމެއްގައި ސޮއެކުރެވުނުނަމަވެސް، އިނގިރޭސިވިލާތާއި އެމެރިކާއާއެކު ސޮއެކުރެވުނުފަދަ ބޮޑެތި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއެއް ނުކުރައްވާނެއެވެ. އެހެން ނަމަވެސް އިޤްތިޞާދީ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ސިޔާސީ ބައްދަލުވުންތައް މުހައްމަދު ބިން ސަލްމާން ބާއްވަވާނެއެވެ.

ދެދުވަހުގެ ނިޔަލަށް މުހައްމަދު ބިން ސަލްމާން ކުރައްވާ މިޒިޔާރަތުގައި ފަރަންސޭސީ ރައީސް މެކްރޯންއާއިއެކު އީރާނާއި ޤަތަރުގެ މައްސަލައިގެ އިތުރުން ޔަމަން އަދި ސޫރިޔާގެ މައްސަލައިގައި މަޝްވަރާކުރައްވާނެއެވެ. 

ސަޢޫދީ ޢަރަބިއްޔާއާއި ފަރަންސޭސީވިލާތަކީ ގާތް ދެޤައުމު ކަމުގައި ވިޔަސް، އީރާނުގެ މައްސަލައިގައި މެކްރޯންއާއި މުހައްމަދު ބިން ސަލްމާންގެ ޚިޔާލުފުޅު އެއްގޮތް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ސަޢޫދީ ސިޔާސީ މަސްރަހު ހަލަބޮލިވި ދަނޑިވަޅުގައި ކުއްލި ގޮތަކަށް މެކްރޯން ސަޢޫދީއަށް ވަޑައިގެން ވެރިރަށް ރިޔާޒްގައި މުހައްމަދު ބިން ސަލްމާންއާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެކަން ހާމަކުރެއްވިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އީރާނުގެ މައްސަލައިގައި ގެންގުޅުއްވާ ވިސްނުން މެކްރޯން ބަދަލު ނުކުރައްވައިފިނަމަ ފަރަންސޭސީވިލާތާއިއެކު އޮންނަ ގުޅުން ސަޢޫދީއިން ކަނޑާލާނެކަމުގެ އިންޒާރު މުހައްމަދު ބިން ސަލްމާން ދެއްވިކަމަށް ރިޕޯޓްތައް ބުނެެއެވެ. ރައްދުގައި މެކްރޯން ވަނީ މުހައްމަދު ބިން ސަލްމާނަށް ފަރަންސޭސީ ވިލާތުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމާއި، އެޤައުމަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްކަން މުހައްމަދު ބިން ސަލްމާންއަށް ހަނދުމަފުޅުކޮށް އަރުވާފައިކަމަށް އޮފިޝަލުންނާއި ޙަވާލާދީ އަލްޖަޒީރާ ބުނެއެވެ.

އީރާނާއިއެކު އޮންނަ ގުޅުން ކުޑަކޮށް، އީރާނާއިއެކު ގުޅުން ބާއްވާ ޤައުމުތަކާއި ފެޔަށް ސަޢޫދީ ޖެހެމުންދާއިރު، މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާއާއިއެކު ގުޅިގެން އީރާނާއި ދެކޮޅަށް މަސައްކަތް ފައްޓަވާފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު ވެވުނު އެއްބަސްވުމާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާއިރު، އެވާހަކަފުޅުތަކަށް މުހައްމަދު ބިން ސަލްމާން ތާޢީދުކުރައްވައެވެ. އެހެންނަމަވެސް މެކްރޯން ވަނީ އީރާނާއިއެކު އޮންނަ ގުޅުން ބަދަހިކުރައްވާނެކަމަށް ވިދާޅުވެ، އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދަމަހައްޓަން މަސައްކަތްކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 

ބައެއް މުހައްލިލުން ބުނާ ގޮތުގައި އެމެރިކާ އަދި އިނގިރޭސިވިލާތާއިއެކު ސަޢޫދީއިން ޤާއިމްކުރިފަދަ އެއްބަސްވުމެއް ފަރަންސޭސީވިލާތާއިއެކު ޤާއިމްނުކުރަނީ ދެޤައުމުގެ ގުޅުން ގޯސްވެފައިވާތީއެވެ. އެހެންނަމަވެސް ފަރަންސޭސީ އޮފިޝަލުން ވިދާޅުވަނީ ދެޤައުމުގެ ގުޅުން ގޯސްނުވާކަމަށާއި، ދެޤައުމު ގުޅިގެން މަސައްކަތްކުރާނެ އައު ދާއިރާތަކެއް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. ސަޢޫދީއާއި ގުޅުން ބަދަހިކުރުމަށް ގިނަ ޤައުމުތަކަކުން މަސައްކަތްކުރަމުންދަނީ ގާތްގަނޑަކަށް އެއް ދާއިރާތަކަކުން ކަން ފާހަގަކޮށް، ފަރަންސޭސީ އޮފިޝަލަކު ވިދާޅުވީ އެޤައުމުން މަސައްކަތްކުރާނީ ސިއްހަތާއި، ތަޢުލީމާއި، ފަތުރުވެރިކަން ފަދަ، އެހެން ޤައުމުތަކުން އިސްކަން ނުދޭ ދާއިރާތަކުން ސަޢޫދީއާއި ގުޅުން ބަދަހިކުރުމަށެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް