ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ ކަރެކްޝަނަލް ސާވިސްއަށް ނުފޮނުވައި، އޭނާގެ ގެއަށް ސިޓީ ފޮނުވާފައި ވާތީ ސިޓީގެ ޖަވާބު ނުދޭނެ ކަމަށް ބުނެފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި އަދީބުގެ އަތުން ބަދަލު ހޯދަން ފިނޭންސުން ސިޓީ ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. ފިނޭންސުން އެ ސިޓީ ފޮނުވާފައި ވަނީ އަދީބުގެ އަމިއްލަ ގެކޮޅު ހ. ސާމަރާއަށެވެ.
އެކަމާ ގުޅިގެން އަދީބުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް އާދީއްތަ ދުވަހު ފޮނުއްވެވި ސިޓިއެއްގައި ވިދާޅުވެފައި ވަނީ މާފުށީ ޖަލުގައި އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނަށް ފޮނުވާ ސިޓީ ރައްދު ކުރަން ޖެހޭނީ ކަރެކްޝަނަލް ސާވިސްއަށް ކަމަށެވެ. އެފަދަ ސިޓީތައް ރައްދު ކުރަންޖެހޭ ގޮތް ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަށް މަހުފުޒު ސައީދު ފޮނުއްވެވި ސިޓީގައިވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ގާއިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބޭ މީހުންނާ ބައްދަލު ކުރުމާއި ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު ކަރެކްޝަނުން އެކުލަވާލާފައިވާ ކަމަށާއި އެ ގަވާއިދުގައިވާ ގޮތުގެ މަތިން ސިޓީ ފޮނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަދީބަށް ސިޓީ ރައްދުކޮށްދެއްވުމުން، ފިނޭންސް މިނިސްޓަރު ފޮނުއްވާފައިވާ ސިޓީއަށް ޖަވާބު ދެއްވާނެ ކަމަށް މަހުފޫޒު ވިދާޅުވެފައިވެއެވެ.
"ގަވާއިދާ އެއްގޮތަށް އެ ސިޓީ އަޅުގަނޑުގެ މުވައްކިލަށް ލިބުމުން މެނުވީ އެ ސިޓީ އަޅުގަނޑުގެ މުވައްކިލަށް ރައްދު ކުރެވިފައިވާ ކަމަށް ގާނޫނީ ގޮތުން ބެލެން ނޯންނާނެކަން ވެސް މަނިކުފާނުގެ މައުލޫމަށްޓަކައި ދަންނަވަމެވެ،" ފިނޭންސް މިނިސްޓަރަށް ފޮނުއްވެވި ސިޓީގައި ބުނެފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހު އަދީބުގެ ގެއަށް ފިނޭންސުން ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މުއްދަތު އިތުރުކުރުމުގެ ފީ ނެގުމެއް ނެތި ނަސަންދުރަ ހިންގުމުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް، އަލުން އެއްބަސްވުމެއް ހަދާފައި ވާތީ 74 މިލިއަން ރުފިޔާއިން ދައުލަތަށް ގެއްލުންވެފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރަށް އަދީބު ހުންނެވިއިރު އަމަލުކުރެއްވި ގޮތުން ދައުލަތަށް އެ ގެއްލުން ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓަރު މުނައްވަރު ފޮނުއްވެވި ސިޓީގައިވެ އެވެ.