އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ޚާއްސަ ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޕެޓެއްގެ ގޮތުގައި އެކި ބާވަތުގެ ޖަނަވާރާއި ދޫނި ރާއްޖޭގައި ގެންގުޅެމުން އަންނަ ކަމަށާއި، ޒުވާނުންގެ މެދުގައި އެކަމަށް ޝައުޤުވެރިކަން ބޮޑު، އެމަސައްކަތް ފުޅާވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ޖަނަވާރުތަކަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް މިނިސްޓްރީގައި މަސައްކަތް ކުރާ ވެޓެއް މެދުވެރިކޮށް މޮބައިލް ވެޓެރިނަރީ ސަރވިސްގެ ނަމުގައި ޚިދުމަތް ދެމުން އަންނަކަމަށެވެ.
އެހެންނަމަވެސް އެފަދަ ޖަނަވާރުތަކަށް ފަރުވާ ދިނުމުގައި ހަދަން ޖެހޭ ސަރޖަރީތައް ހެދުމަކީ ގޭގޭއަށް ގޮސް ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ނުކުރެވޭ ކަމަށާއި، އަދި އެފަދަ މަސައްކަތްކުރާ ބޭސްތައް އަމިއްލައަށް ގެންގުޅުމަކީ މަނާކަމަކަށް ވާތީ ބޮޑެތި ދަތިތަކެއް ހުރި ކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ. މިހުރިހާ ކަމަކާއިއެކު، ވެޓެއްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށާއި، އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ސަރޖަރީތައް ހެދުމަށް ވިލިމާލޭގައި ހުންނަ އެގްރިކަލްޗަރ މިނިސްޓްރީގެ ބިމެއްގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީއިން ބުންޏެވެ.
އަދި މީގެ އިތުރުން ކްލިނިކް ޤާއިމް ކުރެވެންދެން ވެސް މިހާރުވެސް މިނިސްޓްރީއިން ދޭ މޮބައިލް ވެޓްގެ ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ވެޓެއްގެ ޚިދުމަތް ނުލިބުމަކީ ޖަނަވާރު އޮޅުކޮށްގެން ޕެޓެއްގެ ގޮތުގައި ގެންގުޅޭ ގިނަ ފަރާތްތަކެއްގެ ޝަކުވާއެކެވެ.