ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ދެ މީހެއްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވިގެން މިއަދު (އާދިއްތަ ދުވަހު) ވެސް ބާއްވަން އޮތް އަޑުއެހުން ކެންސަލްކޮށްފި އެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހު 3:00 އަށެވެ. ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ.ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ .އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނަ އެވެ.
ރިލްވާން ގަދަކަމުން ފޮރުވާފައިވާ މައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލު ކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވައިފައި މާރޗް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މެދު ތެރެއިން އިތުރު ހެއްކަކު ހުށަހަޅަން ދައުލަތުން ބޭނުންވުމުން ގާނޫނީ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ދައުލަތުން އާ ހެއްކެއް ހުށަހަޅަން ބޭނުންވާ ކަމަށް ފާހަގަ ކުރުމުންނެވެ.
ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެ މީހުންގެ ހެކިބަސް ނެގީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާތީ ރިލްވާން އެކާރަށް އެރުވިކަން ސާބިތު ކޮށްދިނުމަށެވެ. އަދި އެކާރަށް ރިލްވާން މަންމަގެ އެހެން ދަރިއަކު އަރާފައިނުވާކަން ސާބިތު ކޮށްދިނުމަށް ރިލްވާން މަންމަގެ ދަރިންގެ ތެރެއިން މާލޭގައި ތިބި ހުރިހާ ހެކިން ހާޒިރު ކުރި އެވެ. ނަމަވެސް ރިލްވާން މަންމަގެ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ހުރިހާ ކުދިންގެ ހެކިބަސްނަގާ ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރީއަތަށް ހާޒިރު ނުކުރެވި ހުރީ ރިލްވާންގެ އެއްބަނޑު މޫސާ ރިލްވާން ވެސް ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފަ އެވެ.