ލ. ފޮނަދޫގައި ކަތިވަޅިން ޒުވާނަކަށް ހަމަލާދިން މައްސަލާގައި އިތުރު ދެ މީހުން ހައްޔަރު ކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތިވަޅިން ހަމަލާދިން މައްސަލާގައި ހުކުރު ދުވަހު ހައްޔަރުކުރި ފޮނަދޫ ދެ ޒުޥާނުނެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ޖަހާފައެވެ. ދެ މީހުންގެ ތެރެއިން އެކެއް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު، އެކެއްގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.
ފޮނަދޫގައި ކަތިވަޅިން ހަމަލާދިނީ އޭޕްރީލް އެއްވަނަ ދުވަހުގައެވެ. މި މައްސަލައާއި ގުޅިގެން މީގެ ކުރިން ވަނީ ތިން މީހުން ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު، އެކެއްގެ ބަންދަށް 10 ދުވަސް ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ފައިގެ ދެ ތަނަކަށް ހަމަލާދީފައިވެއެވެ. އޭނާއަށް ހަމަލާ ދިނީ ގުރޫޕަކުން ކަމަށް މައުލޫމަތު ލިބިފައިވެއެވެ. ޒަހަމްވި ޒުވާނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފޮނަދޫ ސިއްހީ މަރުކަޒުގައެވެ. އަދި އެއަށް ފަހު އިތުރު ފަރުވާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ވެސް ވަނީ ދީފައެވެ.