ކ. މާލެ
|
8 އޭޕްރިލް 2018 | އާދީއްތަ 15:33
ުޔޫނިއަން ބިލްޑިންގ އޮފީހުން ނުކުމެ ވަޑައިގަންނަވަނީ
ުޔޫނިއަން ބިލްޑިންގ އޮފީހުން ނުކުމެ ވަޑައިގަންނަވަނީ
ރޮއިޓަރސް
ލޫލާގެ ކޮރަޕްޝަން
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ފުލުހުންނާއި ހަވާލުވެއްޖެ
ބްރެޒިލްގައި އެންމެ މަގުބޫލު ލީޑަރަކީ އަދިވެސް ލޫލާ
އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތުވަނީ ގެއްލިވަޑައިގެންފައި

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަނުގެ މައްސަލައިގައި ޖަލު ޙުކުމް ތަންފީޒު ކުރެއްވުމަށް ފުލުހުންނާއި ހަވާލުވެވަޑައިގަތުމަށް ކޯޓުން އެމަނިކުފާނަށް ދިން ވަގުތު ހަމަވިފަހުން ފުލުހުންނާއި ހަވާލުވެ 12 އަހަރުގެ ޖަލުހުކުމް ތަންފީޒު ކުރައްވަން ފައްޓަވައިފިއެވެ.

ބްރެޒިލްގެ އެންމެ މަތީ ކޯޓުގެ ހަ ފަނޑިޔާރެއްގެ ތެރެއިން 5 ފަނޑިޔާރުން ވަނީ، ލޫލާ ހުށަހަޅުއްވާފައިވާ ގޮތަށް ކޮރަޕްޝަނުގެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން މިނިވަންކޮށްފައި ބެހެއްޓުމަށް ހުށަހެޅި ހުށަހެޅުމަށް އަމަލު ނުކުރެވޭނެ ކަމަށާއި ނުހައްގު މުއްސަނދިކަމުގެ މައްސަލައިގައި އިއްވި ހުކުމް ވަގުތުން ތަންފީޒުކުރަން ފަށަން ޖެހޭ ކަމަށް ކޯޓުން ނިންމާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ

އެ ޙުކުމާއި ގުޅިގެން ހުކުރު ދުވަހުގެ ހަވީރު 5 ޖެހުމުގެ ކުރިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ލޫލާއަށް ވަނީ އަންގާފައެވެ. ނަމަވެސް އެ ވަގުތު ހަމަވިއިރުވެސް އެމަނިކުފާނު ހުންނެވީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއިއެކު، އެމަނިކުފާނުގެ އުފަން އަވަށުގައި ސްޓީލްވޯކަރސް ޔޫނިއަން ބިލްޑިންގގައެވެ.

ފުލުހުން ލޫލާ ގެންގޮސްފައިވަނީ އެ އިމާރާތުން ނުކުމެ ވަޑައިގަތުމުން ފުލުހުންގެ ކާރެއްގައެވެ. ލޫލާއަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ފުލުހުންގެ ކާރުގައި ގެންދިއަ ނުދިނުމަށް އެތައްފަހަރަކު ހުއްޓުވާފައިވެއެވެ.

ލޫލާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކާއިމެދު އޭނާ އަދިވެސް ދެކޮޅު ހައްދަވާއިރު އަމިއްލަފުޅަށް ފުލުހުންނާއި ހަވާލުވެފައިވަނީ ކޯޓު އަމުރަށް ބޯލެނބުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ވެސް ކުރި ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މެދުގައި މަގުބޫލު ލޫލާގެ މައްޗަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ކޮރަޕްޝަނާއި ކަޅުފައިސާ ދޮވުމުގެ މައްސަލައެއް ސާބިތުވެފައެވެ.

ސުޕްރީމް ފެޑެރަލް ކޯޓުގެ ނިންމުމާއިއެކު، އުމުރުފުޅުން 72 އަހަރުފުޅުގެ ލޫލާ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ އުއްމީދު ނިމުމަކަށް އައިސްދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަޝިއާ ޓުޑޭގައި، އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއަރ ސްޕެނިޝް ބަހުން ހުށަހަޅުއްވައި ދެއްވާ ޕްރޮގްރާމެއްގައި ލޫލާ ދާދިފަހުން ވަނީ ކޮރަޕްޝަނުގެ ދައުވާތަށް މިހާރުވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބޭނުން ކުރާ ހަތިޔާރަކަށް ވެފައިކަމަށެވެ.

ލޫލާގެ މައްޗަށް ޖޫން މަހު އެންމެ ފުރަތަމަ ހުކުމް ކުރީ 9 އަހަރަށް ޖަލަށް ލުމަށް ކަމަށްވާއިރު އިސްތިއުނާފު ކޯޓުން ޖެނުއަރީ މަހު ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި އަދި އިތުރު ތިން އަހަރާއިއެކު 12 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައެވެ.

ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ. ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށް ފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއް ކަމަށްވާ ޑިލްމާ ރޫސެފްއެވެ. ޑިލްމާގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުޙުމަތުކޮށް އެކަމަނާ ވެސް ވަނީ ވެރިކަމުން ދުރުކޮށްފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް