ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 22:50
ވޭން އައިސް ވަދެފައި ވަނީ ކެފޭއެއްގެ ބޭރުގައި ތިބި ބައެއްގެ ތެރެއަށް
ވޭން އައިސް ވަދެފައި ވަނީ ކެފޭއެއްގެ ބޭރުގައި ތިބި ބައެއްގެ ތެރެއަށް
ބީބީސީ
ޖަރުމަނު ވޭން ހަމަލާ
ބައެއްގެ ތެރެއަށް ބާރު ސްޕީޑްގައި އައި ވޭނެއްގައި ވަދެ، 3 މީހުން މަރާލައިފި
ޑްރައިވަރު ވަނީ ބަޑިޖަހައި އަމިއްލަ އަށް މަރުވެފައި
އެއްވެސް ފަރާތަކުން އަދި ޒިންމާ އުފުލާފައެއް ނުވޭ
3 މީހަކު މަރުވި، 20 މީހުންނަށް އަނިޔާވެ 6 މީހަކު ސީރިއަސް ޙާލަތުގައި

ޖަރުމަންވިލާތުގެ ހުޅަނގުގެ ސިޓީއެއްކަމަށްވާ މުއެންސްޓަރގައި ބައެއްގެ ތެރެއަށް ބާރު ސްޕީޑްގައި ވޭނެއްގައި ވަދެ، 3 މީހަކު މަރާލައިފިއެވެ.

މިޙަމަލާގައި 20 މީހަކަށް އަނިޔާވެފައިވާއިރު، 6 މީހެއްގެ ޙާލު ސީރިއަސް ކަމަށް ޖަރުމަންވިލާތުގެ އޮފިޝަލުން ބުނެއެވެ. ވޭން ދުއްވަން އިން މީހާ މީހުންގެ ތެރެއަށް ވޭން ވެއްދުމަށް ފަހު އަމިއްލައަށް ބަޑި ޖަހައިގެން މަރުވެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުންގެ ތަރުޖަމާނު ބުނީ ވޭން ދުއްވަން އިން މީހާ މުއެންސްޓަރ ސިޓީގެ ސިޓީ ސެންޓަރގައި ހުރި ކެފޭތަކުގެ ބޭރުގައި ތިބި މީހުންގެ ތެރެއަށް ބާރު ސްޕީޑްގައި އައިސް ވެއްދީ ކަމަށެވެ. 

ވޭން ދުއްވަން އިން މީހާ އަކީ ކާކު އަދި ދެނެގަނެވިފައެއް ނުވެއެވެ. ހޮނިހިރު ދުވަހު މެންދުރުފަހު ހިނގި މިޙާދިސާއާއި ގުޅިގެން މިއީ ސީދާ ޙަމަލާއެއްކަމަށް ބުނަން އަދި ލަސްކަމަށް އޮފިޝަލުން ބުނެއެވެ. އެހެން ނަމަވެސް މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވެހިކަލް ދުއްވާފައި ދިޔަ ސްޕީޑުން އެއީ ސީދާ ހަމަލާދިނުމަށް އައި މީހެއްކަމަށް ޤަބޫލުކުރެއެވެ. މިކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ވޭން އައިސް ވަދެފައި ވަނީ މަޝްހުރު ކެފޭއެއްގެ ބޭރުގައި ތިބި ބައެއްގެ ތެރެއަށެވެ. އަދި އެކެފޭގެ ބޭރުގައި ގޮނޑިތަކާއި މޭޒުތައް އުކާލާފައި ހުއްޓާ ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. 

މި ހާދިސާއާ ގުޅިގެން ޖަރުމަންވިލާތުގެ ސަރުކާރުން ވަނީ ޙާދިސާގައި އަނިޔާވި އަދި މަރުވި ފަރާތްތަކުގެ އާއިލާތަކާ އެކުގައި ވާކަން ހާމަކޮށްފައެވެ. 

ޖަރުމަންވިލާތުގެ ވެރިރަށް ބަރލިންގެ މާކެޓަކަށް ވެސް 2016 ވަނަ އަހަރު ޑިސެމްބަރު މަހު ލޮރީއެއްގައި އައިސް، ހަމަލާދީފައި ވެއެވެ. މީހުންގެ ތެރެއަށް ލޮރީ ވެއްދުމުގެ ސަބަބުން އެހަމަލާގައި 12 މީހަކު މަރުވިއެވެ. 

 

- ކޮމެންޓް