ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 22:12
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: މިހާރު ހުންނެވީ ޖަރުމަންވިލާތުގައި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: މިހާރު ހުންނެވީ ޖަރުމަންވިލާތުގައި
ރޮއިޓަރސް
ކެޓަލޯނިއާގެ މިނިވަންކަން
ބެލްޖިއަމްއަށް އެނބުރި ދިޔުމަށް އުއްމީދުކުރަން: ޕުއިޖެމޮންޓް
ޖަރުމަންވިލާތުން ޕުއިޖެމޮންޓް ހައްޔަރުކުރީ ސްޕެއިން ނެރުނު ކޯޓެއް އަމުރެއްގެ ދަށުން
އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައި
ޖަރުމަންވިލާތުން ޕުއިޖެމޮންޓް ސްޕެއިންއާ ހަވާލުނުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް

ބެލްޖިއަމަށް އެނބުރި ވަޑައިގަތުމުގެ އުއްމީދުގައި ހުންނެވި ކަމަށް ސްޕެއިން އިން ވަކިވެގަތުމަށް މަސައްކަތްކުރި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ މާޗް މަހުގެ ފަހުކޮޅު ޕުއިޖެމޮންޓް ޖަރުމަންވިލާތަށް އެތެރެވުމުން ޔޫރަޕިއަން އެރެސްޓް ވޮރަންޓެއްގެ ދަށުން އެޤައުމުގެ ފުލުހުން ވަނީ އޭނާ ހިފަހައްޓާފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފިންލެންޑަށް ވަޑައިގަތުމަށް ފަހު ބެލްޖިއަމަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި ޖަރުމަންވިލާތުގެ ސަރަހައްދީ އިން ހުރަސް ކުރެއްވުމުން، ޔޫރަޕިއަން އެރެސްޓް ވޮރަންޓެއްގެ ދަށުންނެވެ. ސްޕެއިން އިން ވަކިވެ، ވަކި މިނިވަން ދައުލަތެއް ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ އަހަރު ފަހުކޮޅު އިއުލާންކުރުމާ އެކު ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާއަށް ދީފައިވާ ސަރަހައްދީ މިނިވަންކަން ނިގުޅައިގަނެ، ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހާއި ސަރުކާރު އުވާލާފައެވެ. އެ އަށް ފަހު އަމިއްލައަށް އަރުވާލެއްވިގެން ޕުއިޖެމޮންޓާއި އޭނާގެ އަރިސް ބައެއް ބޭފުޅުން އުޅުއްވަނީ ބެލްޖިއަމްގައެވެ. 

ޕުއިޖެމޮންޓް ސްޕެއިންއާ ހަވާލުކުރާނެތޯ ޖަރުމަންވިލާތުގެ ކޯޓަކުން ނިންމަންދެން އޭނާ ހުންނެވީ ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރިތާ 2 ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޕުއިޖެމޮންޓް ވިދާޅުވީ އެނބުރި ބެލްޖިއަމްއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެހެންނަމަވެސް ޖަރުމަންވިލާތުގެ ކޯޓުތަކުން ގޮތެއް ނިންމަންދެން ހުންނަވާނީ ޖަރުމަންވިލާތުގައި ކަމަށެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ވެސް މިމައްސަލައިގެ އަޑު އެހުމެއް ޖަރުމަންވިލާތުގެ ކޯޓެއްގައި ކުރިއަށްދިޔައެވެ. ޕުއިޖެމޮންޓްގެ މައްޗަށް ސްޕެއިން އިން ނެރުނު ހައްޔަރުކުރުމުގެ އަމުރުގައި ތަފާތު ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަމަށް ކުރެވުނު ކެމްޕޭނުގައި އޭނާ އަދާކުރެއްވި ރޯލުގެ ސަބަބުން ޕުއިޖެމޮންޓްގެ މައްޗަށް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެއެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ޖަރުމަންވިލާތުގެ ކޯޓުން ނިންމީ އެމައްސަލައަކީ އޭނާ ސްޕެއިންއާ ހަވާލުކުރަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. 

ސްޕެއިނުން ބުނީ ޖަރުމަންވިލާތުގެ ކޯޓުތަކުގެ ނިންމުންތަކަށް އެޤައުމުން އިޙްތިރާމްކުރާނެ ކަމަށެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ ވިދާޅުވީ އޭނާގެ ސަރުކާރުން ސްޕެއިން އާއި އެހެން ޤައުމުތަކުގެ ކޯޓުތަކުގެ ނިންމުންތަކަށް އިޙްތިރާމްކުރާނެ ކަމަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ނިންމުމާ ގުޅިގެން ހުކުރު ދުވަހު ސްޕެއިންގެ ސުޕްރީމް ކޯޓުން ބުނީ ޖަރުމަންވިލާތުގެ ކޯޓުގެ ނިންމުމާ ގުޅިގެން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއާ މަޝްވަރާކުރާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް އެކޯޓުން ދީފައެއް ނުވެއެވެ.

ޕުއިޖެމޮންޓްގެ އިތުރުން އޭނާގެ ސަރުކާރުގެ އިސް ހަތަރު ބޭފުޅަކު ހައްޔަރުކުރުމަށް ސްޕެއިން އިން ކޯޓު އަމުރު ނެރުނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް