ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 19:27
އެމެރިކަން އެއަރލައިންސްއަށް އެންމެ ފުރަތަމަ ގެނައި ބޮއިންގ ޑްރީމްލައިނަރ
އެމެރިކަން އެއަރލައިންސްއަށް އެންމެ ފުރަތަމަ ގެނައި ބޮއިންގ ޑްރީމްލައިނަރ
ޔޫއެސްއޭ ޓުޑޭ
އެމެރިކަން އެއަރލައިންސް
12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި
47 މަތިންދާބޯޓަށް އޯޑަރުކުރުމަށް ވަނީ ނިންމާފައި
އެމެރިކަން އެއަރލައިންސްއިން އެއަރބަސް މަރުކާގެ މަތިންދާބޯޓުތައް ބޭނުންކުރުން ހުއްޓާލަން ވަނީ ނިންމާފައި

ދުނިޔޭގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމެރިކަން އެއަރލައިންސް އިން 12.3 ބިލިއަން އެމެރިކާ ޑޮލަރަށް ބޮއިންގ ކުންފުނީގެ 47 މަތިންދާބޯޓު ގަންނަން އޯޑަރުދޭން  ނިންމައިފިއެވެ.

އެމެރިކަން އެއަރލައިންސް އިން މިހާ ގިނަ އަދަދެއްގެ މަތިންދާބޯޓަށް އޯޑަރު ދޭން ނިންމީ އެކުންފުނީގެ ބާ ވަމުންދާ ފްލީޓް އައުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އާ މަތިންދާބޯޓުތައް ގަންނަން އެމެރިކާގެ ބޮއިންގ ކުންފުންޏާ އެމެރިކަން އެއަރލައިންސްއާ އެކު ހެދޭ އެއްބަސްވުމުގެ ތަފްޞީލެއް މިހާތަނަށް ހާމައެއް ނުކުރެއެވެ. އާއްމުކޮށް މިހާ ގިނަ އަދަދެއްގެ މަތިންދާބޯޓަށް އޯޑަރު ކުރާ ނަމަ މަތިންދާބޯޓު އުފައްދާ ކުންފުނިން އެއެއަރލައިނަކަށް ރަނގަޅު ޑިސްކައުންޓެއް ދެއެވެ.

އެމެރިކަން އެއަރލައިންސް އިން އޯޑަރު ދިނުމަށް ނިންމާފައި ވަނީ ބޮއިންގ 787 ނުވަތަ އާއްމު ނަމުން ނަމަ ޑްރީމްލައިނަރތަކަށެވެ. ޑްރީމްލައިނަރގެ އޯޑަރާ އެކު އެކުންފުނިން މީގެ ކުރިން އޯޑަރު ދިން ބޮއިން 737 މަރުކާގެ 40 މަތިންދާބޯޓުގެ އޯޑަރު ވަނީ ކެންސަލްކޮށްފައެވެ. އަދި އެމެރިކަން އެއަރލައިންސްއާ އެއްކޮށްލުމުގެ ކުރިން ޔޫއެސް އެއަރވޭސް އިން 2005 ވަނަ އަހަރު ބޮއިންގއާ ވާދަވެރި އެއަރބަސް ކުންފުންޏަށް އޯޑަރު ދީފައިވާ އޭ-350 މަރުކާގެ 22 މަތިންދާބޯޓުގެ އޯޑަރު ވެސް ވަނީ ކެންސަލްކޮށްފައެވެ.

އެމެރިކަން އެއަރލައިންސްގެ ޕްރެޒިޑެންޓް ރޮބަރޓް އައިސޮމް ވިދާޅުވީ ބޮއިންގ 737ގެ އޯޑަރުތަކާއި އެއަރބަސްގެ މަތިންދާބޯޓުތަކުގެ އޯޑަރުތައް ކެންސަލްކުރީ އެކުންފުނިން ބޭނުންކުރާ މަތިންދާބޯޓުތަކުގެ މޮޑެލްތައް މަދުކުރުމަށް ކަމަށެވެ. މަދު މޮޑެލްތަކެއް ގެންގުޅުމުން ކުންފުންޏަށް ފަސޭހަތަކެއްވެ، ޚަރަދު ކުޑަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް އޯޑަރކުރާ މަތިންދާބޯޓުތަކުގެ ތެރެއިން 2020ވަނަ އަހަރު ބޮއިންގ ކުންފުނިން ޑެލިވަރކުރާ މަތިންދާބޯޓުތައް އައުމުން އެމެރިކަން އެއަރލައިންސްއިން ބޭނުންކުރާ ބޮއިންގ 767 މަރުކާގެ މަތިންދާބޯޓުތައް ބޭނުންކުރުން ހުއްޓާލާނެއެވެ. އަދި ބާކީހުރި ޑްރީމްލައިނަރތައް ޑެލިވަރކުރުމުން 2023ވަނަ އަހަރު އެމެރިކަން އެއަރލައިންސްއިން ބޭނުންކުރަމުން އައި އެއަރބަސް އޭ-330 އަދި ބޮއިންގ 777ގެ މަތިންދާބޯޓުތައް ބޭނުންކުރުން ހުއްޓާލާނެއެވެ. 

އެމެރިކަން އެއަރލައިންސްއިން މިހާރު ވެސް 35 ޑްރީމްލައިނަރ ބޭނުންކުރަމުންދާއިރު، އަލަށް އޯޑަރުކުރި ޑްރީމްލައިނަރތަކާއި ކުރިން އޯޑަރކޮށްފައިވާ ޑްރީމްލައިނަރތައް ޑެލިވަރކުރުމުން އެކުންފުނީގައި 89 ބޮއިންގ ޑްރީމްލައިނަރ ބޭނުންކުރާނެއެވެ. 

އެންމެ ބޮޑު އެއް އެއަރލައިނުން އެއަރބަސްގެ އޯޑަރތަކެއް ކެންސަލްކުރުމާ ގުޅިގެން ޔޫރަޕަށް ނިސްބަތްވާ އެެއަރބަސް ކުންފުންޏަށް ގޮންޖެހުންތަކެއް ކުރިަމަތިވާނެ ކަމަށް މުހައްލިލުން ދެކެއެވެ.

- ކޮމެންޓް
7 އޭޕްރިލް 2018 | ހޮނިހިރު 19:02
ބޯޓުތަށްފެންނާނެ
ބާ ބޯޓުތަށްފެންނާނެ ކޮންމެސް އެހެންގައުމަކުން އިސާހިތަކު