ދޮގު ޚަބަރު، ނުވަތަ 'ފޭކް' ޚަބަރު ފެތުރުން ހުއްޓުވުމަށް ފޭސްބުކްއިން ކުރަމުންދާ މަސައްކަތުގެ ދަަށުން މަޝްހޫރު ފޭސްބުކް ޕޭޖްތައް ހިންގާ ފަރާތްތައް ވެރިފައިކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ ބޮޑެތި ޕޭޖްތައް އޮޑިޓްކުރާނެކަމަށާއި، ފޭސްބުކްގެ މިންގަނޑުތަކަށް ނުފެތޭ އަދި ހިންގަނީ ކާކު ނުވަތަ ކޮންބައެއްކަން ކަށަވަރުނުވާ ޕޭޖްތަކަށް ޕޯސްޓްކުރުން ހުއްޓުވާނެކަމަށެވެ. ފޭސްބުކްގެ މިފިޔަވަޅަކީ ވަގު އައިޑީތައް ހަދައިގެން ފިލައިތިބެ، ބައެއް ފަރާތްތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދޮގު ޚަބަރު ފެތުރުން އިންތިހާއަށް ގިނަވެ، އެމައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ފޭސްބުކްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ދޮގު ޚަބަރުގެ މައްސަލަ އެންމެ ބޮޑުވެގެން ދިޔައީ 2016ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ދެކޮޅަށް ރަޝިޔާ އަޑީގައި އޮވެގެން ހިންގި 'ފޭކް' ޚަބަރު ފެތުރުމުގެ ކެމްޕޭނަށް ފަހުއެވެ. ހިލަރީއަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީގެ ފަހަތުގައިވަނީ މިދޮގު ޚަބަރުތައްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ޒަކަބަރގް ވިދާޅުވީ މިބަދަލުތަކާއިއެކުވެސް ދޮގު ޚަބަރު ފަތުރާ ފަރާތްތަކުން އެކި ގޮތްގޮތުން މަސައްކަތްކުރާނެކަމަށާއި، އެކަން ހުއްޓުވުމަށް ކުރިއަށް އޮތްތަނުގައިވެސް ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.
ޕޭޖްތައް ވެރިފައި ކުރުމުގެ އިތުރުން މިހާރު ހުށަހަޅާފައިވާ ސިޔާސީ އިޝްތިހާރުތަކާއި ބެހޭ ޤާނޫނަށްވެސް ތާޢިދުކުރައްވާކަމަށް ޒަކަބަރގް ވިދާޅުވިއެވެ. މި ޤާނޫނު ފާސްވުމުން ފޭސްބުކްފަދަ ޕްލެޓްފޯމްތަކުގައި ސިޔާސީ އިޝްތިހާރު ޖަހާ ފަރަތްތަކުން އެއީ ކޮން ފަރާތެއްކަން އެނގޭނެ ލިޔެކިޔުން އެޕްލެޓްފޯމަކަށް ހުށަހަޅަން ޖެހޭނެއެވެ. ޒަކަބަރގް ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާއާއި ކުޅެލާ ހިސާބަށް ދޮގު ޚަބަރު ފެތުރިގެން ދިޔުމުން، މިފަދަ ޤާނޫނެއް މުހިއްމުކަމަށެވެ.
2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރަޝިޔާއިން ހިންގި ބައެއް ފޭސްބުކް ޕޭޖްތަކުން ވަނީ މުޒާހަރާތައް ފަދަ ޙަރަކާތްތަކަށް ގޮވާލާފައެވެ. އަދި މިފަދަ ޕޭޖްތަކުގެ ގޮވާލުންތަކަށް އިޖާބަދީ މީހުން މަގުތަކަށް ނިކުމެފައިވެސް އެބަހުއްޓެވެ.
ފޭސްބުކްއިން ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރާކަން ހާމަކޮށްފައި މިވަނީ ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު، އެމައުލޫމާތުގެ ވެރިފަރާތްތަކުގެ ހުއްދަނެތި ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކޮށް، ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް އެމައުލޫމާތުގެ ބޭނުން ހިފާފައިވާކަމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިމައްސަލައިގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްއަށް ޖަވާބުދާރީވުމަށް އަންގާރަ ދުވަހު މާކް ޒަކަބަރގް ކޮންގްރެސްއަށް ހާޒިރުވެވަޑައިގަންނަވާނެއެވެ.