ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 14:47
ނޭޕާލްގެ ބޮޑުވަޒީރަށް މޯދީ މަރުހަބާ ދަންނަވަނީ
ނޭޕާލްގެ ބޮޑުވަޒީރަށް މޯދީ މަރުހަބާ ދަންނަވަނީ
އިންޑިއާގެ ޚާރިޖީ ވުޒާރާ
އިންޑިއާ - ނޭޕާލް
ހުޅުވިފައިވާ ބޯޑަރުތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނީ ނޭޕާލާއި އެކު: ބޮޑުވަޒީރު މޯދީ
ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުކުރެވޭ ރޭލެއް ފެށުމަށް ވަނީ ނިންމާފަ

އިންޑިއާ އާއި ނޭޕާލާއި ދެ ޤައުމުގެ ދެމެދުގައިވާ ހުޅުވާލާފައިވާ ބޯޑަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނީ ދެޤައުމު ގުޅިގެން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ނޭޕާލުގެ ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޯލީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރެއްވުމަށް ފަހު، ދެބޭފުޅުން އެކުގައި މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އިންޑިއާ އާއި ނޭޕާލަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، އެ ގުޅުން ވަކިން ޚާއްސަކޮށް ސަލާމަތީ ދާއިރާއިން ފެނިގެންދާ ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވަނީ ދެޤައުމުގެ ގުޅުމާއި ގުޅޭގޮތުން ބައެއް އެހެން ކަންކަން ވެސް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އިންޑިއާ އަކީ ނޭޕާލުގެ ކުރިއެރުމުގެ ޒަމާންވީ ބައިވެރިއެއްކަން ފާހަގަ ކުރައްވާ މޯދީ ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އިންޑިއާ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

އިންޑިއާ އާއި ނޭޕާލްގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އިންޑިއާއިން ނޭޕާލްގެ ކަތަމަންޑޫއަށް ރޭލުގައި ސީދާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެޤައުމުން އެއްބަސް ވެފައިވާ ކަންވެސް މޯދީ ވަނީ ފާހަގަ ކުރައްވާފައެވެ.

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ އިންޑިއާ އާއި ނޭޕާލްގެ ދެމެދުގައ އޮތް ގާތް ގުޅުމަކީ އެހެން ޤައުމުތަކަށް މިސާލަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނޭޕާލަށް ސިޔާސީ ގޮތުން މިހާރު އަންނަމުންދާ އިސްލާހުގައި އެންމެ ގާތް، އެންމެ މުހިއްމު ބައިވެރިއަކީ އިންޑިއާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ބޮޑުވަޒީރު ޝަރްމާގެ މި ދަތުރުފުޅަކީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރާއި އެމަނިކުފާނު ހަވާލުވެވަޑައިގެންފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި ވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.  

- ކޮމެންޓް