ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 14:43
އެމެރިކާ - މެކްސިކޯ ބޯޑަރ
އެމެރިކާ - މެކްސިކޯ ބޯޑަރ
ގެޓީ އިމޭޖަސް
އެމެރިކާ - މެކްސިކޯ
އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާ ސިފައިން ފޮނުވަނީ
ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަކީ ޓްރަމްޕްގެ ރިޔާސީ ވަޢުދެއް

އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނޭޝަނަލް ގާޑް ސިފައިން ފޮނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރެއްވުމާއި ގުޅިގެން ސަރަހައްދީ އިން ހިއްސާކުރާ ސްޓޭޓްތަކުން ސިފައިން ފޮނުވަން ފަށައިފިއެވެ.

އެމެރިކާ - މެކްސިކޯ ސަރަހައްދީ އިމުގައި އޮންނަ ޓެކްސަސްއިން ކުރިއަށް އޮތް 3 ދުވަސްތެރޭ ސަރަހައްދީ ރޮނގު ކައިރިއަށް 250 ސިފައިން ފޮނުވާނެއެވެ. އަދި އެރިޒޯނާއިން ވެސް 150 ސިފައިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކުރާނެއެވެ. ނިއުމެކްސިކޯ އަދި ކެލިފޯނިއާއަށް ވެސް ސަރަހައްދީ ރޮނގު ކައިރިއަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ވަނީ އަމުރުކުރައްވާފައެވެ. އެމަނިކުފާނުގެ އަމާޒަކީ އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގުގައި އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ފާރު ރޭނެންދެން ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް 4000 ނޭޝަނަލް ގާޑް ސިފައިން ނެރުމެވެ. 

ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަކީ ޓްރަމްޕްގެ ރިޔާސީ އެއް ވައުދެވެ. ބޮޑެތި ފާޑުކިޔުންތަކެއް އެވައުދަށް އަމާޒުވިއިރު، ޓްރަމްޕް އޭރު ވިދާޅުވަމުން ގެންދެވީ އެފާރަށް ޚަރަދުކުރަން ޖެހޭނީ މެކްސިކޯއިން ކަމަށެވެ. އަދި އެކަމަށް މެކްސިކޯއިން ދެކޮޅު ހެދުމުން އެޤައުމަށް އެކިކަހަލަ ބަހުގެ ޙަމަލާތަކާއި އިންޒާރުތައް ޓްރަމްޕް ދެއްވައެވެ. އެގޮތުން ސަރަހައްދީ ރޮނގު ހުރަސްކުރާ މީހުންގެ މައްސަލަ ހައްލު ނުކޮށްފިނަމަ އުތުރު އެމެރިކާ ސަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ނަފްޓާ ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތްކަމުގެ އިންޒާރު ޓްރަމްޕް ވަނީ މިމަހުގެ ފުރަތަމަ ދުވަހު ދެއްވާފައެވެ.

ޓްރަމްޕްގެ މިފަދަ އިންޒާރުތަކަށް މެކްސިކޯއިން މާބޮޑު ސަމާލުކަމެއް ދޭކަމަކަށް ނުފެނެއެވެ.

ސަރަހައްދީ ރޮނގު ކައިރިއަށް ސިފައިން ފޮނުވަން ނިންމެވިއިރު، މީގެ ކުރިން ވެސް އެމެރިކާގެ ރައީސުން ވަނީ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޯޑަރ ޕެޓްރޯލް އޮފިސަރުންނަށް އެހީވުމަށް ސިފައިން ފޮނުވާފައެވެ. ބަރަކް އޮބާމާގެ ވެރިކަމުގައި 1200 ސިފައިން ސަރަހައްދީ ރޮނގު ކައިރިއަށް ފޮނުވިއިރު، ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި 6000 ސިފައިން ފޮނުވިއެވެ. ކޮންމެ ފަހަރަކު ވެސް އަހަރެއްހާ ދުވަހު ސިފައިން ސަރަހައްދީ ރޮނގުގައި ޙަރަކާތްތެރިވެއެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް