ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަނުގެ މައްސަލައިގައި ޖަލު ޙުކުމް ތަންފީޒު ކުރެއްވުމަށް ފުލުހުންނާއި ހަވާލުވެވަޑައިގަތުމަށް ކޯޓުން އެމަނިކުފާނަށް ދިން ވަގުތު ހަމަވެގެން ދިޔައިރު ވެސް އެމަނިކުފާނު ފުލުހުންގެ މަރުކަޒަކަށް ވަޑައިނުގަންނަވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެފިއެވެ.
ބްރެޒިލްގެ އެންމެ މަތީ ކޯޓުގެ ހަ ފަނޑިޔާރެއްގެ ތެރެއިން 5 ފަނޑިޔާރުންވަނީ، ލޫލާ ހުށަހަޅުއްވާފައިވާ ގޮތަށް ކޮރަޕްޝަނުގެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން މިނިވަންކޮށްފައި ބެހެއްޓުމަށް ހުށަހެޅި ހުށަހެޅުމަށް އަމަލު ނުކުރެވޭނެ ކަމަށާއި ނުހައްގު މުއްސަނދިކަމުގެ މައްސަލައިގައި އިއްވި 12 އަހަރުގެ ޖަލުހުކުމް ވަގުތުން ތަންފީޒުކުރަން ފަށަންޖެހޭ ކަމަށެވެ.
އެ ޙުކުމާއި ގުޅިގެން ހުކުރު ދުވަހުގެ ހަވީރު 5 ޖެހުމުގެ ކުރިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ލޫލާއަށް ވަނީ އަންގާފައެވެ. ނަމަވެސް އެ ވަގުތު ހަމަވިއިރުވެސް އެމަނިކުފާނު ހުންނެވީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއިއެކު، އެމަނިކުފާނުގެ އުފަން އަވަށުގައެވެ.
ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ވެސް ކުރި ހޯއްދަވަމުންގެންދަވާ ރައްޔިތުންގެ މެދުގައި މަގުބޫލު ލޫލާގެ މައްޗަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ކޮރަޕްޝަނާއި ކަޅުފައިސާ ދޮވުމުގެ މައްސަލައެއް ސާބިތުވެފައެވެ.
ސުޕްރީމް ފެޑެރަލް ކޯޓުގެ ނިންމުމާއިއެކު، އުމުރުފުޅުން 72 އަހަރުފުޅުގެ ލޫލާ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ އުއްމީދު ނިމުމަކަށް އައިސްދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރަޝިއާ ޓުޑޭގައި، އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއަރ ސްޕެނިޝް ބަހުން ހުށަހަޅުއްވައި ދެއްވާ ޕްރޮގްރާމެއްގައި ލޫލާ ދާދިފަހުން ވަނީ ކޮރަޕްޝަނުގެ ދައުވާތަށް މިހާރުވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބޭނުން ކުރާ ހަތިޔާރަކަށް ވެފައިކަމަށެވެ.
ލޫލާގެ މައްޗަށް ޖޫން މަހު އެންމެ ފުރަތަމަ ހުކުމް ކުރީ 9 އަހަރަށް ޖަލަށްލުމަށް ކަމަށްވާއިރު އިސްތިއުނާފު ކޯޓުން ޖެނުއަރީ މަހު ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި އަދި އިތުރު ތިން އަހަރާއިއެކު 12 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ. ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.
ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށް ފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއްކަމަށްވާ ޑިލްމާ ރޫސެފްއެވެ. ޑިލްމާގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުޙުމަތުކޮށް އެކަމަނާވެސް ވަނީ ވެރިކަމުން ދުރުކޮށްފައެވެ.