އިލެކްޝަންސް ކޮމިޝަނުން ދެ މަސް ދުވަހުގެ ފަހުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، އެ އިންތިހާބުގައި ޕީޕީއެމުން ބައިވެރިވޭތޯ ބަލަން ނުޖެހޭނެ ކަމަށާއި، އިތުރަށް އިންތިހާބުގެ ތާރީހު ބަދަލުކޮށްގެންވެސް ނުވޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން ބޭއްވި ކ. އަތޮޅުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޗެއަރޕާސަންގެ ނައިބް އަދި އިދިކޮޅު އިއްތިހާދުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ހިޔަނި ކެބިނެޓް މިނިސްޓަރު އަލީ ނިޔާޒް ވިދާޅުވީ، ސިވިލް ކޯޓުގެ ހުކުމް ވަރަށް ސާފުކަމަށާއި، އެކަމާއި ގުޅޭގޮތުން އިތުރުކަމެއް ސާފުކުރުމަށް ކޯޓަށްދާން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި އިންތިހާބު ބާއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، އިތުރަށް އިންތިހާބުގެ ތާރީހު ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ އިންތިހާބުގައި ޕީޕީއެމް ބައިވެރިވޭތޯވެސް ބަލަން ނުޖެހޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ކޯޓު އަމުރުގައި އޮތީ ދެ މަސް ދުވަސް ދިނުމަށްފަހު އިންތިހާބު ބޭއްވުމަށް. ދެ މަސް ދުވަސް ދިނުމަށްފަހު އިންތިހާބު ބާއްވާއިރު، ޕީޕީއެމް ބައިވެރިވޭތޯ ބަލާކަށް ނުޖެހޭ. ޕީޕީއެމްއިން އަމިއްލައަށް ކޯޓުގައި ބުނީ ތިމަންނަ މެންނަށް ދެ މަސް ދުވަހުގެ ތެރޭގައި އިންތިހާބަށް ތައްޔާރުވެވޭނެ ކަމަށް. އެހެންކަމުން އިތުރަށް އެ ހުކުމުގައި ސާފުކުރާނެ އެއްޗެއް ނެތް" ނިޔާޒް ވިދާޅުވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ވަކި ތާރީހެއްގައި އިންތިހާބުތައް ބޭއްވުމަށް ޤާނޫނުތަކުގައި ބުނެފައިވަނީ ޤައުމީ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި އެ މަސްލަހަތު ގެއްލޭގޮތަށް އެއްވެސް ކޯޓަކުންވެސް އަދި އެއްވެސް މުއައްސަސާއަކުންވެސް އަމަލު ނުކުރުމަށް ނިޔާޒް ގޮވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް އިންތިހާބަށް ތައްޔާރު ނުވެވޭކަމަށް ބުނެ އިންތިހާބެއް ފަސްކޮށް، އިންތިހާބަކާއި ކުޅުމަކީ ދިވެހި އެންމެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުން ކަމަށެވެ.