ސަންންގު ޓީވީގެ ފައިސާ ޖާޑިއަށް ރާއްޖެޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީދީފި އެވެ.
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މިކަހަލަ ޖޫރިމަނާތައް ސަރުކާރުން ކުރަމުންދާ ދަނީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި މީޑިއާތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ހުރިހާ ރައްޔިތުންގެ ވެސް ސަންގު ޓީވީގެ ފައިސާ ޖާޑިއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔާޒް އެދިވަޑައިގަތެވެ.
ސަންގު ޓީވީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ރާއްޖެޓީވީ އަކީ ސަންގުޓީވީ އާއި ވަރަށް ގާތް ޓީވީއެއް ކަމަށެވެ. އަދި ރާއްޖެޓީވީއަށް އަސްވާޑް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖުރިމާނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެރޭ މުސްތަފާ ދެއްކެވި ވާހަކަތަކެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ "އައުގުރާނަ ގޮވި" ކަމަށް ބުނެއެވެ.
ސަންގުޓީވީ 100000 ރުފިޔާއިން ޖޫރިމާނާ ކުރުމުގެ އިތުރުން އެ ކޮންޓެންޓު ގެނެސްދީފައިވާތީ އެކަމަށް މާފަށް އެދި އެޕްރީލު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ކުރިން ބަޔާނެއް އެ ޓީވީން އާއްމު ކުރުމަށް ވެސް އަންގާފައިވެއެވެ.
މިއީ އަބުރުގެ ގާނޫނުގެ ދަށުން ސަންގުޓީވީ ޖޫރިމާނާ ކުރި ފުރަތަމަ ފަހަރެވެ.
ޕްރޮގްރާމެއްގައި މުސްތަފާ ދެއްކެވި ވާހަކައަކާއި ގުޅިގެން ރާއްޖެ ޓީވީ ވަނީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި ވީޓީވީވެސް ވަނީ ޕްރޮގްރާމެއްގައި މުސްތަފާ ދެއްކި ވާހަކައަކާއި ގުޅިގެން 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.