ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 13:22
2003ން 2010 އަށް ލޫލާ ވަނީ ބްރެޒިލްގައި ވެރިކަން ކުރައްވާފައި
2003ން 2010 އަށް ލޫލާ ވަނީ ބްރެޒިލްގައި ވެރިކަން ކުރައްވާފައި
އޭޕީ
ލޫލާގެ ކޮރަޕްޝަން
ކޮރަޕްޝަން މައްސަލައިގެ އިސްތިއުނާފް ނުނިމުނަސް ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޖަލަށް ލެވިދާނެ ކަމަށް ނިންމައިފި
އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ހަނިވެފައި
ބްރެޒިލްގައި އެންމެ މަގުބޫލު ލީޑަރަކީ އަދިވެސް ލޫލާ

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ ގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން މިނިވަންކޮށް ނުބަހައްޓައި ޖަލަށް ލެވިދާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ބްރެޒިލްގެ އެންމެ މަތީ ކޯޓުގެ ހަ ފަނޑިޔާރެއްގެ ތެރެއިން 5 ފަނޑިޔާރުންވަނީ، ލޫލާ ހުށަހަޅުއްވާފައިވާ ގޮތަށް ކޮރަޕްޝަނުގެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން މިނިވަންކޮށްފައި ބެހެއްޓުމަށް ހުށަހެޅި ހުށަހެޅުމަށް އަމަލު ނުކުރެވޭނެ ކަމަށާއި ނުހައްގު މުއްސަނދިކަމުގެ މައްސަލައިގައި އިއްވި 12 އަހަރުގެ ޖަލުހުކުމް ވަގުތުން ތަންފީޒުކުރަން ފަށަންޖެހޭ ކަމަށެވެ.

ކޯޓުގެ ހުކުމަށްބަލާއިރު ކޮންމެ ވަގުތަކު ވެސް މިހާރު ލޫލާ ހައްޔަރު ކޮށްފާނެއެވެ. އަދި އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތުން ގާތެވެ.

ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ވެސް ކުރި ހޯއްދަވަމުންގެންދަވާ ރައްޔިތުންގެ މެދުގައި މަގުބޫލު ލޫލާގެ މައްޗަށް މިދިޔަ އަހަރުގެ ޖުލައިމަހު ވަނީ ކޮރަޕްޝަނާއި މަނީ ލައުންޑަރިންގ މައްސަލައެއް ސާބިތުވެފައެވެ.

ސުޕްރީމް ފެޑެރަލް ކޯޓުގެ ނިންމުމާއިއެކު، އުމުރުފުޅުން 72 އަހަރުފުޅުގެ ލޫލާ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ އުއްމީދު ނިމުމަކަށް އައިސްދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަޝިއާ ޓުޑޭގައި، އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއަރ ސްޕެނިޝް ބަހުން ހުށަހަޅުއްވައި ދެއްވާ ޕްރޮގްރާމެއްގައި ލޫލާ ދާދިފަހުން ވަނީ ކޮރަޕްޝަނުގެ ދައުވާތަށް މިހާރުވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބޭނުން ކުރާ ހަތިޔާރަކަށް ވެފައިކަމަށެވެ.

ލޫލާގެ މައްޗަށް ޖޫން މަހު އެންމެ ފުރަތަމަ ހުކުމް ކުރީ 9 އަހަރަށް ޖަލަށްލުމަށް ކަމަށްވާއިރު އިސްތިއުނާފު ކޯޓުން ޖެނުއަރީ މަހު ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި އަދި އިތުރު ތިން އަހަރާއިއެކު 12 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށް ފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއްކަމަށްވާ ޑިލްމާ ރުސެފްއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް