ލ. ފޮނަދޫގައި ކަތިވަޅިން ޒުވާނަކަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފޮނަދޫގައި، ކަތިވަޅިއަކުން މީހަކަށް ހަމަލީދީ ޒަހަމްކޮށްލާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު، އެކެއްގެ ބަންދަށް 10 ދުވަސް ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ފައިގެ ދެ ތަނަކަށް ހަމަލާދީފައިވެއެވެ. އޭނާއަށް ހަމަލާ ދިނީ ގުރޫޕަކުން ކަމަށް މައުލޫމަތު ލިބިފައިވެއެވެ. ޒަހަމްވި ޒުވާނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފޮނަދޫ ސިއްހީ މަރުކަޒުގައެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްފައިވެއެވެ.